Friday, August 8, 2008


ޚިދުމަތެއްކޮށްދީގެން ރަށަށް ކުރިއެރުން ގެނެސްދެމާތޯއެވެ.އ

ރަށެއްގައި އުފެދިފައިވާ ޖަމިއްޔާ ތަކާއި ޖަމާޢަތްތަކަކީ ރަށުގެ ކުރިއެރުމަށާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރެވިދާނެ އަދި ކުރަންޖެހޭނެވެސް ބައެކެވެ. ތަފާތު ގިނަ ރޮގުތަކުންނެވެ. އިޤްތިޞާދީ ގޮތުންނާއި ޢުމްރާނި ގޮތުން ރަށް ތަރައްޤީކުރުމަށެވެ. ތަޢުލީމީގޮތުންނާއި ކުޅިވަރުގެ ތަފާތު ގިނަ ރޮގުތަކުން ރަށަށް ކުރިއެރުން ގެނެސްދިނުމަށެވެ. އެންމެހާ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކޮށް، އެކުވެރިކަން އާލާކުރުމަށް މަސައްކަތްކުރުމަށެވެ. އަދިވެސް ތަފާތު އެތައް ބައިވަރު ދާއިރާތަކުންނެވެ. އެހެނަސް މި ށ. ކަނޑީތިމުން ފެނިގެން މިދަނީ ކަންހިނގަންވީ ގޮތާއި ދިމާ އިދިކޮޅަށް ކަންތައްތައް ހިނގަމުންދާތަނެވެ.

ބަޔާންވެދިޔަ ފަދަ ހަރަކާތްތަކެއް މި ކަނޑިތީމުގެ ޖަމިއްޔާތަކުން ނުވަތަ ޖަމިއްޔާއިން ހިންގި ނުވަތަ ހިންގާތަން ކަނޑިތީމުގެ އެންމެ ރައްޔިތަކު ވެސް ދެކެމުތޯއެވެ. ނުވަތަ ދެކެފީމުތޯއެވެ. އާދޭހެވެ. ތަފާތު ނަންނަމުގައި ޖަމިއްޔާ އުފައްދައި ހިންގިތަނާއި އެ ޖަމިއްޔާތައް އުވިގެން ދިޔަތަން އަޅުގަނޑުމެންގެ ތެރެއިން އެތައް ރައްޔިތުންނެއް ދެކެފީމުއެވެ. އަދި މިހާރު އާ ޖަމިއްޔާއެއް އުފައްދައި ނަމެއްގައި ނަމަވެސް ކުރިއަށް ގެންދާތަން އަޅުގަނޑުމެން މިއަންނަނީ ދެކެމުންނެވެ. އަދި އިތުރު ޖަމިއްޔާއެއް ވަކި ބަޔަކު އަޑީގައި ތިބެގެން ޒުވާންކުދިންގެ ބޮލަށް ނުހަނު ފުރިހަމަކަމާއެކީ ސަވާރުވެގެން އުފައްދަން އުޅޭކަމަށް ދެކެވޭ ވާހަކައަކީ އަޅުގަނޑުމެން އެންމެ ރައްޔިތުންނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ. ކަނޑިތީމް ލައިވްގެ ނަމުގައި މިފަދަ އެހެން ބްލޮގްސްޕްޓް އެއް ހިންގާތަންވެސް އަޅުގަނޑުމެން މިއަންނަނީ ދެކެމުންނެވެ. މަދުންނަމަވެސް ވަކިބަޔަކަށް ތާއީދުކޮށް، ދެކޮޅު ނުޖެހޭ ދޮގު ޚަބަރުތަކެއް ހުރިކަމުގައިވިޔަސްވެހެވެ.

މިހާރު ކަނޑިތީމުގައި އުފެދިފައިމިވާ ޖަމިއްޔާއިން ކޮންމެ އަހަރަކު ރަމަޟާންމަހު ބާއްވާ ފުޓްބޯޅަ މުބާރާތް ފިޔަވައި އެހެންކަމެއް އެ ޖަމިއްޔާ އުފެދުނު ފަހުން ދާއިމީ ގޮތެއްގައި ކުރިއަށްގެންދާ ތަނެއް ނުފެނެއެވެ. މިއީ ޖަމިއްޔާގެ މެންބަރުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެވެ ނަމަވެސް މި މުބާރާތް ކުރިއަށް ގެންދާ ކަމީ އަޅުގަނޑުމެން އެންމެހާ ރައްޔިތުންވެސް ނިހާޔަތާށް ޝުކުރުވެރިވާނެ އުފާކުރާ ކަމެކެވެ. މިފަދަ ހަރަކާތްތައް އިތުރުކުރުމަކީ އަޅުގަނޑުމެން އެންމެވެސް ބޭނުންވާނެ، އަދި އެދޭނެ ގޮތެވެ. އަދި އެފަދަ ކޮންމެ ޙަރަކާތަކީ ކަނޑިތީމުގެ ހެޔޮލަފާ ލޮބުވެތި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބޭނެ ކަމެއްކަން ޔަޤީނެވެ. އެހެންކަމުން ޖަމިއްޔާއަށްވެސް އެކަމުގެ ފުރިހަމަ ފައިދާއާއި މަންފާ އަދި ކުރިއެރުން ލިބޭނެކެމީ ޝައްކެއް އޮތް ކަމެއްނޫނެވެ. މިހާރު ކަނޑިތީމުގައި އުފެދިފައިވާ ޖަމިއްޔާގެ ހީވާގި އެންމެހާ މެންބަރުންނަށް އަޅުގަނޑު ގޮވާލަނީ ތަފާތު ގިނަ ހަރަކާތްތައް ހިންގައިގެން ޖަމިއްޔާ ކުރިއަރުވައި ރާއްޖޭގައި ނަންހިނގާ ޖަމިއްޔާއަކަށް ހެދުމަށެވެ. ޖަމިއްޔާއަކީ ސިޔާސީ ނުފޫޒުތަކުންނާއި ސިޔާސީ ފިކުރާއި ޚިޔާލާއި، އުކުޅުތަކުން ބޭރުގައި މަސައްކަތްކުރާ ، އެކަންކަމުން ފުރިހަމައަށް އެއްކިބާވެފައިވާ، ރަށުގެ ކުރިއެރުމަށާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާ ޖަމިއްޔާއަކާށް ހެދުމަށެވެ. މިހާރަށްވުރެ ބާރުލައި ފުރިހަމައަށް މަސައްކަތްކުރެއްވުމަށެވެ. އެއީ ޖަމިއްޔާގެ ފައިދާއަށްވެސް މެއެވެ.

ބަޔަކު ޖަމިއްޔާއްޔާއެއް އުފައްދާފައި ވާތީ އެބަޔަކާ އިދިކޮޅަށް ނުވަތަ އެނޫން މަޤުޞަދެއްގައި ނަމަވެސް އިތުރު ޖަމިއްޔާއެއް އުފައްދަން އަދި ސިއްރުން ގިނަގުނަ މަސައްކަތްތަކެއްކޮށް އެކަން ނާކާމިޔާބުވުމަކީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެބައެއްގައި އެފެންވަރުނެތް، އެދާއިރާއިން ނިކަމެތި، އެކަމަށް ނާޤާބިލް އަދި ވަރަށް ބޯދާ ވިސްނުމެއް ގެންގުޅުނު ބައެއްކަން ހާމަވެގެންދިޔަ ފުރިހަމަ ދަލީލެކެވެ. އަޅުގަނޑުމެން ހެޔޮ ވިސްނުމުން ވިސްނާނަމަ ވިސްނަންވީ ރަށުގައި ޖަމިއްޔާތަކާއި ޖަމާޢަތްތަކުގެ ޢަދަދު އިތުރުކުރެވޭތޯއެއްނޫނެވެ. އަދި ބަޔަކާއި އިދިކޮޅަށް ނިކުމެ، މަސްލަޙަތު ގެއްލުވާލައި އަދި ކަމެއްނުވެ އެނބުރި ދިއުމަކަށްވެސް ނުމެނޫންމެއެވެ. ޙާޞިލްކުރަން ބޭނުންވަނީ ރަނގަޅު، ރައްޔިތުންނަށާއި ރަށަށް ފައިދާކުރަނިވި މަޤުޞަދެއްނަމަ އިތުރު ޖަމިއްޔާއްއެއް އުފައްދައިގެން ކުރިއަށްގެންދިއުމުގެ ބަދަލުގައި އެކަމެއް އުފެދިފައިވާ ޖަމިއްޔާއެއް އޮތްނަމަ އެޖަމިއްޔާއަކާއި އެކަމެއް ހިއްސާކޮށްގެން ކުރިއަށް ގެނދިއުމުގެ ޚިޔާލުގެންގުޅުން ރަނގަޅުކަމަށްދެކެމެވެ. އެ އުފަންދަން އުޅުނު ޖަމިއްޔާއެއް އުފަންދަން އުޅުނު ބަޔަކަށް އަޅުގަނޑު އިލްތިމާސްކުރަނީ އުފެދިފައި އޮތް ޖަމިއްޔާއާއި ގުޅިގެން މިފަދަ ކަންކަމާއި ފުންކޮށް ވިސްނާ ރައްޔިތުންނާއި ރަށުގެ ކުރިއެރުމަށް މަސައްކަތްކުރުމަށެވެ. އަދި ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންވެސް މިފަދަ ކަންކަމުގައި އެއްބާރުލުން ދޭންޖެހޭ ހިނދު އެއްބާރުލުންދީ، ނާތަހުޒީބު ވިސްނުން ދޫކޮށްލައި މިހާރަށްވުރެ ހޭލުންތެރިވުމަށެވެ.

ރަށެއްގައި އުފެދިފައިވާ ޖަމިއްޔާ ޖަމާޢަތްތަކާއި ހުނަރުވެރި ހިތްމަތްތެރިން މަސައްކަތްތެރިންނަކީ ރަށުގެ ތަރައްޤީގެ އިންޖީނެވެ. ތަރައްޤީގެ ބާނީންނެވެ. އެހެނީ އެބައިމީހުންނީ އެބައެއްގެ ސަބަބުން ރަށަށާއި މުޅި މުޖުތަމަޢަށް ނުހަނު ފައިދާއާއި ލާބައާއި މަންފާ ކުރުވަނިވި، ފުރިހަމަ ކުރިއެރުމާއި ކާމިޔާބު ގެނެސްދެވޭނެ ބަޔެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރެއިން އެކަކީވެސް ކުޅިބަލަން ހުންނަ މީހަކަށްނުވެ، ރަށް ކުރިއެރުވުމުގެ މަސައްކަތުގައި އެންމެވެސް ޝާމިލްވެ، އެއްބާރުލުންދީގެން މަސައްކަތްކުރާ ބަޔަކަށް ވަމާތޯއެވެ. ޒަމާނުގެ އޮއިވަރާއެކު ރާއްޖެއަށް އައިސްފައިމިވާ ބަދަލުތަކާއި ދޭތެރޭ ވިސްނާ، މިކަނޑިތީމަށްވެސް ކުރިއެރުންތަކެއް ހޯދައި، ގެނެސްދިނުމަށް މަސައްކަތްކުރަމާތޯއެވެ. ނަގަމުންދާ ބޮޑެތި ބާނިތަކާއި ބިންދަމުންދާ ބޮޑެތި ރާޅުތަކުން ސަލާމަތްވެ އުފާފަގިތި، އުޖާލާ މާދަމާއެއް ގެނެސްދިނުމުގެ މަސައްކަތުގައި ފޫގަޅާލަމާތޯއެވެ. އަޅުގަނޑުމެންގެ ތެރޭގައި ޚިޔާލުތަފާތުވުންތަކާއި ތަފާތު ބައިބައިވުންތައް އޮތްކަމީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. އެހެންކަމުން ތަފާތު ބައިބައިވުންތަކާއި ޚިޔާލުތަފާތުވުންތައް ނައްތާލައި އަދަށްވުރެ މާދަމާ ކުރިއަރައި ދިއުމަށް މަސައްކަތްކުރަމާތޯއެވެ. އެހެނީ އެކަމުން ލާބައާއި މަންފާކުރާނީ ކަނޑިތީމުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި ރަށަށް ކަމަށްވާތީއެވެ. ހިތްމަތާއި މިންނަތާއި ބުރަ މަސައްކަތްކުރުމަކީ ކާމިޔާބުލިބޭ ކަމަކާށް ވާތީ ﷲގެ އިރާދަފުޅާއިއެކު ބޭނުންތެރި ތަޢުލީމާއި ތަޖުރިބާއާއި ހުނަރުތައް ލިބިގަނެ އަމިއްލަ ރަށާއި ޤައުމަށް ޚިދުމަތެއްކޮށްދީ ކުރިއެރުވުމަކީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތެއްގެވެސް ވާޖިބަކަށް ހަދަމާތޯއެވެ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com