Wednesday, September 3, 2008

ހިނިތުންވުމާއެކު އުފާވެރި މާދަމާއަކަށް - ވޯޓު ދިނުމުގެ ޙައްޤު ހެޔޮގޮތުގައި ބޭނުންކުރުން

ށ. ކަނޑިތީމަށް އުފަން ކަނޑިތީމުގެ އާޢިލާއަކަށް ނިސްބަތްވާ ދިވެހި ދަރިއެއްގެ ހައިޞިއްޔަތުން އަޅުގަނޑު މި ލިޔުން މި ލިޔަނީ ކަނޑިތީމުގެ ރައްޔިތުންނަށް އިލްތިމާސެއްކުރުމުގެ ބޭނުމުގައެވެ. ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންގެ ހުރި ނާތަހުޒީބު ވިސްނުންތައް ޒަމާނީ ވިސްނުމަކަށް ބަދަލުކޮށް ޒަމާނީ ހެޔޮބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރުމުގެ ހެޔޮ ނިޔަތުގައެވެ.

އާދޭހެވެ. މިހާރު ދިވެހިރާއްޖޭގައި މިއޮތް ޚަބަރު ފަތުރާ ވަޞީލަތްތަކުން އަޅުގަނޑުމެންނަށް ލިބޭ ޚަބަރުތަކަށް ރިޢާޔަތްކޮށް ދަންނަވަނީނަމަ ދެންނެވޭނީ ޙަޤީޤީ ހެޔޮ، ތެދު ޚަބަރެއް ވަކިކޮށް، ޤަބޫލުކުރަން އަޅުގަނޑުމެންނަށް ވަރަށް ދައްޗެވެ. މިއީ ތިޔަ ލޮބިވެތި އެންމެ ރައްޔިތުންވެސް ހެޔޮ ވިސްނުމުން ވިސްނާފިނަމަ ޤަބޫލުކުރާނެ ޙަޤީޤަތެވެ. ނަމަވެސް އެއްބަޔަކު ވަކި އެއްޗެއް ބުނުމުން އެކަމެއް ޤަބޫލުކޮށް، އަނެއްބަޔަކު އެހެން އެއްޗެކޭ ބުނުމުން އެޔެއް ޤަބޫލުކޮށް، ނޫނީ ޤަބޫލުނުކޮށް އުޅޭ ބަޔަކުވެސް އުޅެއެވެ. ކޮންމެ މީހަކުވެސް ވެރިކަން ބޭނުންވެގެން އުޅޭ ހިނދު ދިވެހި ރައްޔިތުންނަށް އެތަކެއް ފައިދާހުރި ފިސާރި ގިނަކަންތައްތަކެއް ކޮށްދޭނެ ވާހަކަ ވިދާޅުވެއެއްނޫންތޯއެވެ؟ މިއަދާ ހަމައަށް ވެސް މިފަދަ ތަފާތު އެތައް ވާހަކަތަކެއް މި ކަނޑިތީމުގެ ރައްޔިތުންވެސް އަޑުއަހައިފީމުއެވެ. ދޮގެއްތޯއެވެ. ވީހިނދު ކަނޑިތީމުގެ ރައްޔިތުންވެސް ހެޔޮ ބަދަލެއް ބޭނުންފުޅު ނަމަ ވިސްނަންވީ ކެމްޕެއިނަށް މީހަކު ހަމަ ރަށަށް އަރާ އިރަށް އެމީހަކު ފަހަތުން ދުވެ ކެމްޕެއިންކޮށްދީގެންވިޔަސް ނޫނީ އެހެންކަމެއްކޮށްދީގެންވިޔަސް ލާރިގަނޑެއް ނުވަތަ އެފަދަ ބޮޑު ފައިދާ ގަނޑެއް ލިބޭތޯއެއް ނޫނެވެ. މި ދިވެހި ޤައުމަށް ހެޔޮ ބަދަލެއް ގެނެސް ޤަޢުމު އިޞްލާހުކޮށްދެވޭތޯއެވެ. ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ކަނޑިތީމުގެ ކޮންމެ ރައްޔިތަކުވެސް މިކަމާ ފުންކޮށް ވިސްނަވާށެވެ. ލިބިފައިވާ ވޯޓުލުމުގެ ޙައްޤު ހެޔޮގޮތުގައި ބޭނުން ކުރައްވާށެވެ. އަޅުގަނޑު މިދަންނަވަނީ ވަކި ބޭފުޅަކަށް ވޯޓު ދެއްވުމަކަށް ނޫނެވެ. އަޅުގަނޑުގެ އިލްތިމާސަކީ އެ ޙައްޤު ހެޔޮގޮތުގައި ބޭނުންކޮށް، އެބޭފުޅަކަށް ވިސްނޭ، ޤައުމަށް އެންމެ ހެޔޮ ބަދަލުތަކެއް ގެނެވޭނެ ބޭފުޅަކަށް ވޯޓު ދެއްވުމެވެ. މިފަދަ ކަންކަމުން ހިތި އެތައް ތަޖުރިބާއެއް އަޅުގަނޑުމެން މިވަނީ ކޮށްފައެވެ. އަޅުގަނޑުމެންގެ މާޒީގެ ޞަފްޙާތައް ބަލާލާއިރު ވަރަށް ސާފުކަމާއެކީ ފެންނަން އޮތް އެއް ވާހަކައަކީ އަޅުގަނޑުމެންގެ އަތޮޅުގެ މެންބަރަކު ކަނޑިތީމުގެ ރައްޔިތުންނަށް ހެދި މަކަރާ ހީލަތުގެ ވާހަކައެވެ. އެބޭފުޅާ މެންބަރުކަމަށް ހޮވުމުގެ އުފަލުގައި ކަނޑިތީމުގެ ރައްޔިތުންނަށް ޕާޓީއެއް ދޭންއުޅުނު ވާހަކައެވެ. މިކަމުގެ ތަފްޞީލް އަޅުގަނޑު ބަޔާންނުކުރިކަމުގައިވިޔަސް އެކަމުގެ ޙަޤީޤަތަކީ ކަނޑިތީމުގެ އެންމެހާ ރައްޔިތުންނަށް އެނގޭނެ، އަދި ކަނޑިތީމުގެ ރައްޔިތުންނަކީ އެކަން ތަޖުރިބާ ކޮށްފައިވާ ބައެކެވެ.

މިހާރު މި ޤައުމުގެ ޙާލަތަށް ވިސްނައިފިނަމަ އަޅުގަނޑުމެންގެ ހިތް އުފާކުރަނިވި އެތައް ކަމެއް ފެނި، މާޒީ ހިތަށް ސިފަކުރެވެއެވެ. ހަމަ އެހެންމެ އަޅުގަނޑުމެންގެ ހިތް ހިތާމައިން ރޮއްވާލާ ގިނަގުނަ އެތައް ކަމެއް ފެނި، މާޒީވެ ގޮސްފިއެވެ. އަދި މިހާރު ލޯމަތިން ފެންނަމުންދާވެސްމެއެވެ. މިއަދުގެ ސަރުކާރުންވެސް ދިވެހިންނަށް އެތައް ގިނަގުނަ ފައިދާއާއި ކުރިއެރުންތަކެއް ލިބިދީފިއެވެ. ހަމައެފަދައިން އެތައްގުނަ ގެއްލުންތަކެއް ކުރިމަތިވެ، ހަނދާނުންފުހެލަން ދަތި ހިތި ދުވަސްތަކެއް އަޅުގަނޑުމެންގެ ހަޔާތުން ގުނައިފީމުއެވެ. ލޯމައްޗަށް ފެންނަހުރި އެއް މިޘާލަކީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ގެދޮރު ހަލާކުވެގެންދިޔަ ޢާއިލާތަކުގެ ދިރިއުޅުން ހުރިގޮތެވެ. އަދިވެސް ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންއަންނަ ޢާއިލާތަށް ގިނަގުނައެވެ. ކުރާނީ ކީއްތޯއެވެ. މިއަދުގެ ސަރުކާރު ހަމަ ހެޔޮފުޅީއެވެ. އެނިކަމެތި، ދެރަ ޙާލުގައި އެމީހުން އުޅެމުންދަނިކޮށް ބޭކާރު ޚަރަދުގެ ގޮތުގައި އެތައް ކަމެއް މިއަދުގެ ސަރުކާރުން ކުރާތަން އަޅުގަނޑުމެންނަށް ފެންނަމުންދެއެވެ.

މުސްތަޤުބަލުގައި މިޤައުމުގެ ވެރިކަމަށް އަރަންތިބި ބޭބޭފުޅުންގެ ޙާލަކީ ކޮބައިކަމެއް އަދި ނޭނގެއެވެ. އެހެނަސް އެބޭފުޅުންގެ ވާހަކަފުޅުތައް އެހާމެ ފަށުވިވެފައި ފުރިހަމައެވެ. އެހާމެ އޮފު ގަދައެވެ. އެ އަޑުތައް ކަނޑިތީމުގެ ލޮބުވެތި ރައްޔިތުނަށްވެސް އިވި، އަދި މިހާރުވެސް އިވެމުންދެއެވެ. މިޤައުމު އިޤްޠިޞާދީގޮތުން ކުރިއެރުވުމުގެ ގޮތުން ތަފާތު ސިޓީތައް ހަދާނެވާހަކަވެސް ދެކެވެއެވެ. ތަޢުލީމީ ގޮތުން ޤައުމު އުސް ހަރުފަތަކަށް ގެންދިއުމަށް އެތައްސަތޭކަ ސްކޮލަރޝިޕްތައް ދޭވޭނެހަކަވެސް ދެކެވި، ލިޔުންތަކުން ފެނިގެން ހިނގައްޖެއެވެ. ހަޤީޤަތަކީ ކޮބައިކަމެއް ނޭނގެއެވެ. އަދި މުޖުތަމަޢު މަސްތުވާތަކެތީގެ ވާބާއިން ސަލާމަތްކުރުމުގެ ގޮތުން މަސްތުވާތަކެތި ރާއްޖެއަށް އެތެރެ ކުރާމީހުންނަށް މަރުގެ އަދަބުދެވޭނެ ވާހަކަވެސް އަޅުގަނޑުމެން އަހައިފީމުއެވެ. ސުނާމީގައި ބޯހިޔާވަހިކަން ގެއްލިފައިވާ މީހުންނަށް ހިޔާވަހިކަން ހޯދައިދިނުމަކީ އެންމެ އިސްކަމެއްގެ ގޮތުގައި ދެކޭނެ ވާހަވެސް އިވިގެން ހިނގަޖެއްއެވެ. އަދި އެކި ރަށްރަށުގައި އެތައް ހާސް ފްލެޓްތައް އަޅައިދޭނެ ވާހަކަވެސްމެއެވެ. ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ސަލާންޖަހަން ނުޖެހޭނޭ ވާހަކައާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ހޯދައިދޭނެ ވާހަކަވެސް އަޑުއަހައިފީމުއެވެ. ދީނަކީ އިސްލާމްދީންކަން ދެކިގެން ދީނީ އެއްބައިވަންތަކަން ނަގާލުމަށްޓަކައި އެކި ފަރާތްތަކުން ކުރާ މަސައްކަތްތައް ހުއްޓުވައި، ދެވޭ ތަޢުލީމުގެ ޤައުމީ މުޤައްރަރު އިސްލާޙުކޮށް ދަރިވަރުންނަށް އިސްލާމްދީނާބެހޭގޮތުން ދެވޭ މަޢުލޫމާތުގެ ފޭރާން ރަނގަޅުކޮށް ހޭލުންތެރިކުރާނެ ވާހަކަވެސް އިވެމުންދެއެވެ. އަދި އެބަޔަކު ވެރިކަމަށް އައިސްފިނަމަ ދެން ދިވެހިން އުޅެންޖެހޭނީ މިހާރަށްވުރެ ތާހިރު ދިރިއުޅުމެއްގަ، މުޅިން އެހެން ދިވެހިރާއްޖެއެއްގައޭ ބުނާ ބައެއްގެ އަޑުވެސް އަޅުގަނޑުމެން އަހައިފީމުއެވެ. މިދަންނަވާލި މަދު ވާހަކަތަކަކީވެސް މި ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންނަށްވެސް އަޑު އިވި، ލިޔުންތަކުން ފެނިފައިވާ، މިހާރުވެސް ފެންނަމުންދާ އަދި އިވެމުންދާ ވާހަކަތަކެވެ. މިއިން ބޭފުޅަކަށް ވެރިކަން ލިބިއްޖެނަމަ މިވާހަކަތަކަކީ ކިހާވަރެއްގެ ޙަޤީޤަތަކަށް ވާނެ ވާހަކަތަކެއް ބާވެއޭ ހިތަށް އަރައެވެ. މިއީ ތިޔަބޭފުޅުންގެ ހިތުގައި އުފެދޭ ނުވަތަ ކުރެވޭ ސުވާލެއްނަމަ އެސުވާލުގެ ޖަވާބު ތިޔަބޭފުޅުން ދެއްވާށެވެ.

ކަނޑިތީމުގެ ލޮބުވެތި ރައްޔިތުންނެވެ. މި ކަނޑިތީމުގެ ހަމަ ކޮންމެ ވަޒަންވެރިއެއްގެ ކިބައިން، އަޅުގަނޑު މިއެދެނީ އަޅުގަނޑުމެންގެ ހުރި ނާތަހުޒީބު، ބޯދާ، ވިސްނުން ދޫކޮށްލައި މިހާރަށްވުރެ ހޭލުންތެރިވުމަށެވެ. އަޅުގަނޑުމެންގެ ވިސްނުމަކީ ބަދަލުވެގެން ހިނގައިދާނެ އެއްޗެކެވެ. އަޅުގަނޑުމެންގެ އިޙްޞާސްތަކަކީ ޒަމާންތަކަށް ދެމިހުންނަގޮތަށް އުފައްދަފާނެ އެއްޗެކެވެ. މުހިއްމު މިސްރާބެއްގެ، މުހިއްމު މަސައްކަތެއްގެ، މުހިއްމު ދައުރެއްގެ ފެށުން ފާހަގަކޮށްދީފާނެއެވެ. މިހާރު މި ދިވެހިރާއްޖެއަކީ ކުރިއަށް އެތައް އަހަރަކަށް ދިވެހި ޤައުމުގެ މަޤާމާޢި ހައިބަތު، ރައްޔިތުންގެ ވުޖޫދާއި ޝަޚްޞިއްޔަތު، ކަނޑައެޅިގެން ގޮސްފައިވާ ޤައުމެކެވެ. އާ ޤާނޫނު އަސާސީއެއް އެކުލަވާލެވި ތަސްދީޤުވެގެން ދިޔައީތީއެވެ.

އަޅުގަނޑުމެންގެ ޢާއިލީ މައްސަލަތަކަށް އަޅުގަނޑުމެންގެ ޢާއިލާގެ ތެރެއިން ޙައްލު ހޯދައި، އަޅުގަނޑުމެންގެ އަމިއްލަ ކަންކަމާމެދު ވިސްނާފަދައިން، ޤައުމުގެ ވިސްނުމުން ފިކުރުކޮށް މި ކަނޑިތީމަށްވެސް އުފާވެރި މުސްތަޤުބަލެއް ގެނެސްދީ، އެކުވެރިކަމާއި އެކުއުޅުމުގެ މަގެއް ޚިޔާރުކޮށް އެކަކު އަނެކެއްގެ ކިބައިން ކަންކަން ދަސްކޮށް، އެކަކު އަނެކެއްގެ އަޑު އަހާ، އިޙްތިރާމްކޮށް މިކަނޑިތީމަށް އުފާފާގަތި މާދަމާއެއް ގެނެސްދިނުމުގެ މަސައްކަތުގައި އެންމެން އެއްބާރުލައި މަސައްކަތްކުރަމާތޯއެވެ.

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com