Saturday, September 13, 2008

ކުއްލި ޚަބަރުގެ ތަފްޞީލު

މާލޭގައި ހުރި 2 ބުރި ޢިމާރާތެއް ވެއްޓި 4 މީހަކު ޒަޚަމްވެއްޖެ

މިއަދު މެންދުރު 12 ޖަހާ އެހާ އިރު ޗާންދަނީ މަގުގައި ހުންނަ ބެމްބޫ ފިހާރަ ހިންގަމުން އަންނަ 2 ބުރި ޢިމާރާތް ވެއްޓި 4 މީހަކު ޒަޙަމްވެ، އެކިވަރުގެ އަނިޔާ ވެއްޖެއެވެ. އަނިޔާ ލިބިފައިވާ ހަތަރު މީހުންނަށްވެސް މިހާރު އައި.ޖީ.އެމް ހޮސްޕިޓަލުގައި އަންނީ ފަރުވާދެމުންނެވެ. މިމީހުންނަށް މާ ބޮޑެތި އަނިޔާ ލިބިފައިނުވާކަމަށާއި އެމީހުންގެ ޙާލަތު އެހާ ސީރިއަށް ނޫންކަމަށް އައި.ޖީ. އެމް ހޮސްޕިޓަލުން ހާމަކުރެއެވެ.

36 އަހަރުވެފައިވާ މި އިމާރާތް ވެއްޓެން ދިމާވި ސަބަބަކީ އެ ޢިމާރާތާއި އިންވެގެން ހުރި އިމާރާތް އަލުން ހެދުމަށްޓަކައި އަޑިއަށް ކޮންނަމުން ދާތީ ކަމަށް މަޢުލޫމާތު ލިބެއެވެ. މި ޢިމާރާތް ވެއްޓުނު އިރު ތާށވެފައި ތިބި މީހުން ސަލާމަތްކުރީ އެ ވަގުތު އެސަރަޙައްދުގައި ތިބި ޢާންމުންގެ ބައެއް މީހުންނާއި ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. ބެންބޫ ފިހާރައިގެ މި ޢިމާރާތް ވެއްޓުނުއިރު އަގޮބޮޑެތި ވަރަށް ގިނަ ސާމާނުތަކެއް ފިހާރައިގައި ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.

މިހާދިޘާގައި ވެއްޓުނު ބެމްބޫ ފިހާރައާއި އިންވެގެން ހުރި 2 ފިހާރައެއްގެ އިމާރާތުގައި ރެނދުލާފައިވާތީ އެ ފިހާރަތަށް ބޭނުންނުކުރުމަށް އަންގައި، މިހާރު ވަނީ ވަގުތީގޮތުން ބަންދުކުރެވިފައެވެ. އަދި އެ ސަރަޙައްދު ސާފުކުރުމަށް ފުލުހުން ވަނީ އެހިސާބުގެ މަގުތައް ބަންދުކޮށްފައެވެ. މިހާރު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޔުނިޓުން އަންނަނީ މިޙާދިޘާ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.


13:42

މިއަދު މެންދުރު 12 ޖަހާ އެހާއިރު މާލޭގައި 2 ބުރި އިމާރާތެއް ވެއްޓިއްޖެއެވެ. މި ނުރައްކާތެރި ހާދިޘާ ހިނގަން މެދުވެރިވި ސަބަބެއްކަމަށް މަޢުލޫމާތު ލިބިފައިވަނީ ވެއްޓުނު އިމާރާތާއި އިންވެގެން އޮތް ބިން ބޮޑަށް ކޮންނަމުން ދާތީއެވެ. ވެއްޓުނު މިޢިމާރާތަކީ ޗާންދަނީ މަގުގައި ހުންނަ ބެންބޫ ފިހާރަ ހިންގަމުން އަންނަ ޢިމާރާތެވެ.

މި ޢިމާރާތް ވެއްޓުނު އިރު އިމާރާތުގެ ދަށުވި މީހުންގެ ތެރެއިން ތިން މީހަކު ނަގައި މިހާރު ވަނީ އައި.ޖީ.އެމް ހޮސްޕިޓަލަށް ފަރުވަ ދިނުމަށްޓަކައިގެންދެވިފައެވެ. އަދިވެސް އެ އިމާރާތުގައި 5 ވަރަކަށް މީހުން ދަށުވެފައި ތިބި ކަމަށް ފެކްޓް ޓީމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މިހާރު ފެނިފައިވާ ތިން މީހުންގެ ތެރޭގައި 2 ބިދޭސީއަކާއި ދިވެއްސަކު ހިމެނެއެވެ.


13:55

ވެއްޓިފައިވާ އިމާރާތުގެ ދަށުވެފައިވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް ސިފައިންނާ ފުލުހުން ގުޅިގެން ކުރަމުން އެބަގެންދެއެވެ. އިމާރާތުގެ ޓިނުތައް ނަގާ ތާށިވެފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ވެއްޓުނު މި އިމާރާތާއި ޖެހިގެން ހުރި އަޝާ ޓްރޭޑާރސްގެ އިމާރާތުގައި ރެނދުލައިފައި ހުރުމުގެ ސަބަބުން އެ އިމާރާތް ބޭނުން ނުކުރުމަށް އެފަރާތަށް އަންގާފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.


14:00
މިހިސާބު ކައިރީގެ ބައެއް ފިހާރަތަކުގެ ތަށިމުށިތައް ވަނީ ރެންދުލައިފައެވެ. މަންޒަރު ދުށުމަށްޓަކައި ޢާއްމުންގެ ވަރަށް ގިނަ ބަޔަކު ވަނީ މިސަރަޙައްދަށް ޖަމާވެފައެވެ. އެހެންނަމަވެސް މިހާރު ފުލުހުން ވަނީ މިހިސާބު ތަހުގީގަށް އެއްކޮށް ބަންދުކޮށްފައެވެ.މިހިސާބުގައި ތިބި މަންޒަރު ދުއް ބައެއްމީހުން ބުނާގޮތުގައި ވެއްޓުނު މި އިމާރާތް ހަދާފައި ހުރީ 1972ވަނައަހަރުގައި ކަމަށް ވެއެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com