Friday, September 12, 2008

ޅަދަރިންގެ ކުރިމަގަށްޓަކައި ޒިންމާދާރުވުން

ބަދަލުކުރެވޭނެ ކަމުގެ ޔަޤީންކަމާއެކު ރައްޔިތުން އެދޭ ބަދަލަކަށް މުޅިން އާ އުސްމިންތަކެއް ގިރާކުރަމުން އަނެއް ދިވެހިރާއްޖެއަށް ވާޞިލުވުމަށް އެކިބޭބޭފުޅުންނަށް ވޯޓު ދެއްވުމަށް ގޮވާލަމުންދާ ޒަމާނެއްގަ ކަނޑިތީމު ރައްޔިތުންވެސް އަންނަނީ އެއަޑުތައް އަހާ މަންޒަރުތައް ދެކެމުންނެވެ. ވޯޓު ދޭނީ ކާކަށްތޯ ކުރެވޭ ސުވާލާއި އެއާގުޅިގެން ކުރިމަތިވަމުން އަންނަ ސުވާލުތަކަށް ޖަވާބު ދާރީވުމަށް ތައްޔާރުވެތިބި ބަޔަކަށް އެންމެން ވާންޖެހޭއިރު ދެވޭ ޖަވާބަކީ އަދި ފޮއްޓަށް ވައްޓާލެވޭ ވޯޓު ކަރުދާސްކޮޅަކީ އަޅުގަނޑުމެންގެ ދަރީންގެ ދަރީންނަށްޓަކައި އެޅޭ ބިންގަލެކެވެ. އެ ބިންގާ އެޅުމަށްފަހު އެ ބޮޑު މަސްޢޫލިއްޔަތު ޙަވާލުކުރާ ފަރާތް ވާންޖެހޭނީ ރޭވުންތެރިކަމާއި ސާބިތުކާމާއި ހަރުދަނާކަމާއެކީ އެ ޒިންމާތަކަށް ފުރިހަމައަށް ޒިންމާދާރުވެވޭ ފަރާތަކަށެވެ. އެހެނީ އެކަމުން ނޭދެވޭ އަސަރެއްކޮށްފިނަމަ ނުވަތަ ފައިދާއެއް ކުރިނަމަވެސް ކުރާ އަސަރަކީ އަދި ކުރާ ފައިދާއަކީ މުޅިޤައުމަށް ކުރާނެ ކަމެކެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ދިވެހި ރާއްޖޭގެ ވެރިކަމަށް ކޮންމެވެސް ފަރާތެއް ގެންނައުމަށް ވޯޓު ދޭއިރު އެ ވޯޓު ދޭ ފަރާތް ވާންޖެހޭނީ މިހާރު އެ ފަރާތްތަކުން ހާމަ ކުރަމުންގެދާފަދަ ރައްޔިތުން އެދޭ، ރައްޔިތުން ބޭނުންވާ ގޮތަށް، ޒަމާނީ ތަރައްޤީއާއެކު މުޅިން އާ އުސްމިންތަކަކަށް އަޅުގަނޑުމެން މިހާތަނަށް ވޭތު ކުރަމުން މިއައި އަޅުވެތިކަމާއި ހިތާމައިގެ ދުވަސްތައް ހަނދާން ނައްތާލެވޭފަދަ އާ ދިވެހިރާއްޖެއަކަށް ގެންދެވޭނެ ފަރާތަކަށެވެ. މިއަދު އަޅުގަނޑުމެން ލުމަށް ތައްޔާރުވަމުން މިދާ ވޯޓުގެ ފުރިހަމަ ނަތީޖާ ދެކި އެކަންކަން އެންމެ ފުރިހަމަގޮތުގައި ތަޙައްމަލު ކުރަންތިބީ އަޅުގަނޑުމެންގެ މިރާއްޖޭގައި އަންނަން އޮތް ޖީލާއި އަޅުގަނޑުމެންގެ ޅަދަރިންނެވެ. ކުރާއަސަރު ކިތަންމެ ހިއްޗަސް އަދި ލިބޭ ފައިދާ ކިތަންމެ ކުޑަކަމުގައިވިޔަސް، ތަޙައްމަލު ކުރަންޖެހެނީ ވޭންދެނިވި ޙަޔާތެއްކަމަށްވިޔަސްވެހެވެ. މިއަދު އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިމިވާ އަގުބޮޑު ޒިންމާއަށް އޭގެ އެންމެ ފޮނި އަދި އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރުވާންޖެހޭނެއެވެ. ސުވާލު ކުރެވޭނީ މިއަދަކު ނޫނެވެ. އެހެނަސް މާދަމާ ނޫންކަމެއްވެސް ނޭނގެއެވެ.

އަޅުގަނޑުމެންގެ ޅަދަރީންގެ މުސަތަޤުބަލަށްޓަކައި ފުންކޮށް ވިސްނަންޖެހިފައިވާ ޒިންމާދާރު ބައްޕައިންނާއި މަންމައިން މިއަދު ފިކުރުކޮށް އެންމެ ހެޔޮގޮތް އިސްކުރަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޅަދަރީންގެ މުސްތަޤުބަލާއި މެދު މައިންބަފައިންނާއި އެ ކުދިން ދެކެމުން އަންނަ ހުވަފެންތަށް ޙަޤީޤަތަކަށް ހެދުމަށެވެ. ފާޅުވާފަދަ ގަދަ ކުލައެއް އެ ހުވަފެންތަކުގައި ޖެއްސުމަށެވެ. އެކުދިންނަށް އެދެވޭ، ހަރުދަނާ ތަޢުލީމީ ބިންގަލެއް އަޅައިދީ، ތަޢުލީމައިގެން ކުރިއަށްދެވޭނެ މަގު ފަހިކޮށްދިނުމަށެވެ. އަދި ދުޅަ ހެޔޮކަންމަތީ އެކުދިންގެ ޙަޔާތް ނިމިގެންދާނެފަދަ ގޮތަކަށް ހަދައިދިނުމަށެވެ. ދިރިއުޅުމުގެ މަގު ފުރިހަމަގޮތުގައި ފަހިކޮށްދިނުމަށެވެ. އެކުދިން ދިރިއުޅޭ މާހައުލަކީ ރަނގަޅު މާހައުލަކަށް ހަދައިދިނުމަށެވެ. އެކުދިންނަށް އުފާފާގަތި ކުރިއެރުމެއްލިބެމުންދާ ދުވަހަކީ އަޅުގަނޑުމެން އެންމެންވެސް ދެކެންބޭނުންވާނެ ދުވަހެކެވެ. އަޅުގަނޑުމެންގެ ދަރީންނަށްވީތީ އަޅުގަނޑުމެން ދެކޭ ހުވަފެނެކެވެ. އެހެނަސް އެކަންކަން ޙަޤީޤަތަކަށް ހެދެން އޮތީ މިއަދު އަޅުގަނޑުމެންގެ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެންކަން އެންމެންވެސް ދަންނަން އެބަޖެހެއެވެ. އެކަންކަން ފުރިހަމަކޮށްދެވޭނެފަދަ ފަރާތަކާއި އެ އަގުބޮޑު ޒިންމާ ޙަވާލުކޮށްގެންނެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com