ކަނޑިތީމު ސޮކަރ ކަޕް 2008ގެ ފުޓްބޯޅަ މުބާރަތަށް ތައްޔާރުވުމުގެ ފޯރި ގަދަވަނީ
ސޮކަރ ކަޕް 2008 ގެ ނަމުގައި ކަނޑިތީމުގެ ޒުވާން ކުދިންތަކެއް އިސްނަގައިގެން ފުޓްބޯޅަ މުބާރާތެއް ބޭއްވުމުގެ ތައްޔާރީތައް ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެއެވެ. މިމުބާރާތަކީ ފާއިތުވި 2 އަހަރުވެސް ބާއްވާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވާ އެކި ޓީމުތަކުން އެހެން ޓީމްތަކުގެ ކުޅުންތެރިންނަށް ބޮޑު އަގު ހުށަހަޅަމުންދާކަމަށާއި މުބާރާތަށް ތައްޔާރުވުމަށް ޕްރެކްޓިސް މެޗްތަކެއް ކުޅެވެމުންދާކަމުގެ މަޢުލޫމާތު ފެކްޓް ޓީމަށް ވަނީ ލިބިފައެވެ. ގިނަ ކުޅުންތެރިންނަށް ބޮޑު އަގު ހުށަހަޅަމުން ދިޔަ ނަމަވެސް އެއްވެސް ކުޅުންތެރިއަކު މިހާތަނަށް އެހެންޓީމަކަށް ބަދުލެވެފައި ނުވެއެވެ. މި މުބާރާތުގައި މުޅި އެކު 3 ޓީމު ބައިވެރިވެފައިވެއެވެ.
މިފަދަ މުބާރާތެއް ރާވައި ކުރިއަށް ގެންދިއުމުގެ މަޤުޞަދަކީ ކަނޑިތީމުގެ ޒުވާންކުދިންގެ މެދުގައި ފުޓްބޯޅައިގެ ރޫޙް އާލާކޮށް ފުޓްބޯޅައިގެ މައިދާނުގައި ހުނަރުވެރި ކުޅުންތެރިންތަކެއް އުފައްދައި ކަނޑިތީމަށާއި ޚާއްޞަކޮށް ދިވެހި ޤައުމަށް ބޭނުންހިފޭފަދަ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަށް ކަމަށް މުބާރާތް ރާވައި ހިންގާ ފަރާތުން ހާމަކުރިއެވެ.
މި މުބާރާތް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް މިހާރު ނިމިފައިވާ ކަމަށާއި މުބާރާތް ރަސްމީގޮތެއްގައި އިޢުލާނު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ފެކްޓްޓީމުން މަޢުލޫމާތުދެއެވެ. އަދި ވަރަށް އަވަހަށް މުބާރާތުގެ އިޝްތިހާރުތައް ކުރެވޭނެ ކަމަށް މަޢުލޫމާތުލިބިފައިވެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު ކަމަށާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް 10 ސެޕްޓެމްބަރ އިން ފެށިގެން ލިބެންހުންނާނެކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭނީ ޢުމުރުން 13 އަހަރާއި 19 އަހަރާއި ދެމެދުގެ ކުދިންނަށެވެ. އަދި މިމުބާރާތުގައި ވަނަތައް ޙާޞިލުކުރާ ފަރާތްތަކަށް އަގުހުރި އިނާމްތައް ހުށަހެޅިފައިވެއެވެ. އެގޮތުން ޗެމްޕިއަންޓީމަށް 1000ރުފިޔާ އާއި ރަނަރ އަޕް ޓީމަށް 400 ރުފިޔާ އަދި ލީގް ޗެމްޕިއަން ޓީމަށް 200ރުފިޔާ ހުށަހެޅިފައިވެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކައި ގިނަ ފަރާތްތަކެއް އެހީތެރިކަން ލިބެމުންދާކަން އެފަރާތުން ފާހަގަކުރެއެވެ. އެހެންނަމަވެސް މުބާރާތަށް ކުރިއަށް ގެންދިއުމުގެ ހުއްދަ ރަށުއޮފީހުން ލިބުން ލަސްވެގެން ދިއުމާއި ގުޅިގެން ތަފާތު ގެއްލުންތަކާއި ދަތިތަށް ކުރިމަތިވިމަކަށް އެފަރާތުން ފާހަގަކުރިއެވެ. މިފަދަ މުބާރާތެއް ކުރިއަށް ގެންދިއުމުގައި ކަނޑިތީމުގެ ހުރިހާ ރައްޔިތުންނާއި ޚާއްޞަކޮށް ކަނޑިތީމުގެ ހިތްވަރުގަދަ ޒުވާނުންގެ އެހީތެރިކަން ބޭނުންވާނެކަމަށް މުބާރާތް ރާވައި ހިންގާ ފަރާތުން ހާމަކުރެއެވެ.އ
No comments:
Post a Comment