ޖުމްޙޫރީގުޅުމުގެ ފަރާތުން ކަނޑިތީމަށް ޒިޔާރަތްކުރަނީ

ޖުމްހޫރީ ގުޅުމުގެ ފަރާތުން އުތުރުގެ އަތޮޅުތަކަށް ކުރަމުންދާ ކެމްޕެއިން ދަތުރުތަކުގައި މާދާމާ ކަނޑިތީމަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ޖުމުހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމާއި އޭނާގެ ރަނިންމޭޓް ސަވާދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ބޭފުޅުންނާއި އެޕާޓީއާއި ގުޅިފައިވާ އަދާލާތު ޕާޓީގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ. ޖުމްހޫރީ ގުޅުމުގެ ބޭފުޅުން ކަނޑީތީމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެދުނު 11:30 ގައި ކަމަށް ފެކްޓް ޓީމުން މަޢުލޫމާތު ދެއެވެ.
ޖުމްހޫރީގުޅުމުގެ ފަރާތުން ކަނޑިތީމަށް ޒިޔާރަތް ކުރާ ޓީމަށް މަރުޙަބާކިޔުމަށްޓަކައި ކަނޑިތީމުގައި ތިބި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ މީހުންގެ އިތުރުން އެޕާޓިއަށް ތާއީދުކުރާ ފަރާތްތަކުންވެސް އަންނަނީ ވަރަށް ގަދަޔަށް ތައްޔާރުވަމުންނެވެ. ބަނދަރު ސަރަޙައްދުގައާއި ރަށުގެ ބޮޑެތި މަގުތަކުގައި ވަނީ ޖުމްހޫރީ ގުޅުމަށް ތާއިދުކުރާ ލިޔުންތައް ލިޔެ ފޮތިގަނޑު ދަމާފައެވެ. އަދި އެޕާޓީގެ ފަރާތުން ކަނޑިތީމުގައި ހުޅުވާފައި ހުންނަ ޤާސިމް އިބްރާހިމްގެ ކެމްޕެއިން އޮފީސް ވަނީ ވަރަށް ބޮޑަށް ޒީނަތްތެރިކުރެވިފައެވެ.
މާދަމާ ޖުމްހޫރީ ގުޅުމުގެ ފަރާތުން ކަނޑިތީމަށް ވަޑައިގެން ކަނޑިތީމު ރައްޔިތުންނާ ބައްދަލުކުރާނެއެވެ. އަދި މި ބައްދަލުވުމުގައި ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯގައި ވެވަޑައިގެންފައިވާ ވަޢުދު ތަކާއި ބެހޭގޮތުން ވާހަކަ ދައްކަވައި ކަނޑިތީމުގެ ރައްޔިތުންނާ އެކަންތައްތައް ހިއްސާކުރާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެހެންނަމަވެސް ޤާސިމްގެ ކެމްޕެއިން ދަތުރުތަކުގައި ވަޑައިގެންފައިވާ ބައެއް ރަށްތަކުންވަނީ ވަރަށް ހިތި ތަޖުރިބާތަކެއް ކުރައްވާފައެވެ. ޅޮހީއަށް ޖުމްހޫރީ ގުޅުމުން ކުރި ދަތުރުގައި ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައިޤާސިމާއި އެރަށުގެ ރައްޔިތަކު ކުރި ސުވާލެއްގައި ބުނީ "ދައުލަތުގެ ބަޖެޓުން 4 ބިލިއަން ދަރުވާލެއްވުމުން ޒިންމާ ނަގަންޖެހޭނީ ކާކުތޯ؟" މިހެންނެވެ. އެ ސުވާލު ކުރިތަނާހެން ޤާސިމް ވަރަށް ރުޅިގަދަވެފައި ވިދާޅުވީ "ޒިންމާ ނަގަންޖެހޭނީ ކަލޭ" މިހެންނެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ތެރެއިން 4 ކެންޑިޑޭޓަކުވަނީ ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކޮށްފައެވެ. އެއީ ލިބެރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް(އިބްރާ) އާއި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިކުމެވަޑައިގެން އުޅުއްވާ ޑރ. ޙަސަން ސާއިދު އަދި އެމް.ޑީ.ޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު(އަންނި)އެވެ. އަދި އައި.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަސީރުވެސް ވަނީ ކަނޑިތީމަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.އ
No comments:
Post a Comment