Wednesday, September 24, 2008

އެމް.ޑީ.ޕީ އިއްތިހާދުން ކަނޑީތީމުގެ ރައްޔިތުންނާއި ބައްދަލުކޮށްފި


އެމް.ޑީ.ޕީ އިއްތިހާދު ގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ކަނޑިތީމަށް ވަޑައިގެންފިއެވެ. އަންނި އަށް މަރުޙަބާ ދެންނެވުމަށްޓަކައި ކަނޑީތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ. އަދި އެމް.ޑީ.ޕީ އިއްތިހާދުގެ ބޭފުޅުންނަށް ކަނޑިތީމު ރައްޔިތުންވަނީ ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އެމް.ޑީޕީ އިއްތިހާދުގެ ބައިވެރިން ވަނީ ކަނޑިތީމަށް ވަޑައިގެން ށ.އަތޮޅު މަދަރުސާގައި ކަނޑިތީމުގެ ރައްޔިތުންނާއި ބައްދަލުކޮށްލެއްވުމަށްޓަކައި ޖަލްސާއެއް ބާއްވާފައެވެ.

އެމް.ޑީ.ޕީ އިއްތިޙާދުގެ ފަރާތުން ކަނޑިތީމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ ކުރިއަށް ދިޔައީ 22:00 ން ފެށިގެންނެވެ. ދޮޅު ގަނޑިއިރުގެ މި ޖަލްސާގައި އެމް.ޑި.ޕީ އިއްތިހާދުގެ ފަރާތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ޤާއިމްކުރަން މަސައްކަތް ކުރަނީ ހަމައެކަނި އެމް.ޑީ.ޕީން ކަމުގައެވެ. އަދި އަދި މިފަދަ ނިޒާމެއް ޤަބޫލުނުކުރާ ފަރާތަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެކަމަށް ވިދާޅުވަމުން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވާ އެހެން ފަރާތްތަކަށް ނުސީދާގޮތުގައި ފާޑު ވިދާޅުވިއެވެ. އަދި އެމް.ޑި.ޕީގެ މެނިފެސްޓޯއާއި ބެހޭގޮތުން އަންނި އާއި މުޙައްމަދު ޝަފީޤު ވާހަކަފުޅު ދެއްކެވިއެވެ. އަދި އެބޭފުޅު ވެވަޑައިގެންފައިވާ ވަޢުދުތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވައި ކަނޑިތީމުގެ ރައްޔިތުންނާއި ހިއްސާ ކުރެއްވިއެވެ.

އެމް.ޑީޕީ އިއްތިހާދުގެ ސަރުކާރެއްގައި އަނެއް ދިވެހިރާއްޖެއަކީ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލާނެ ރާއްޖެއަކަށް ހަދާނެކަމަށާއި ކަނޑިތީމުގެ ރައްޔިތުންނަކީވެސް އެކަމުގެ ފަސޭހައާއި ހިތްހަމަޖެހުން ލިބޭނެބައެއްކަމަށް އަންނި ވިދާޅުވިއެވެ. އަދި ތަޢުލީމީ ނިޒާމަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭނެކަމަށާއި އެމް.ޑީ.ޕީ އިއްތިހާދުގެ ސަރުކާރެއްގައި މުދައްރިސުން ގެނެވޭނީ ޔޫރަޕްގެ ޤައުމުތަކުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ދިވެހި ޤައުމުގެ ތަޢުލީމި ނިޒާމަށް ބޭނުންވެފައިވާ ދިވެހި މުދައްރިސުން ތަމްރީނުކުރުމާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވައެވެ.

ޖަލްސާ ނިންމާލުމުގެ ކުރިން ސުވާލުކުރުމަށް ހުޅުވާލި ފުރުޞަތުގައި 2 ފަރާތަތުންވަނީ ސުވާލު ހުށަހަޅާފައެވެ. އެބޭފުޅުންގެ ސަރުކާރެއްގައި ޒުވާނުންނަށް ހުޅުވާލެވޭނެ ފުރުޞަތުތަކަކީ ކޮބައިތޯއާއި އިސްލާމްދީނަށް ދޭނީ ކިހާވަރެއްގެ އަހަމިއްޔަތެއްކަމާއި އިސްލާމްދީނުގެ ކަންތައްތައް ބަލަހައްޓަމުންދާނީ ކޮން ގޮތަކަށްތޯ ކުރި ސުވާލުގެ ޖަވާބުގައި އަންނި ވިދާޅުވީ ޒުވާނުންގެ ކުރިއެރުމަށްޓަކައި ތަފާތު ގިނަ ޙަރަކާތްތަކެއް ހިންގޭނެ ކަމަށާއި އެކަމަށްޓަކައި ޚާއްޞަ މަރުކަޒުތައް ޤާއިމްކުރެވޭނެކަމަށެވެ. އަދި އިސްލާމްދީނުގެ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ދީނީ ބޭފުޅުންގެ ޚާއްޞަ ބަޔަކު އެކަމުގައި ޙަރަކާތްތެރިވާނެ ކަމަށް އަންނި ވިދާޅުވިއެވެ.

އިއްތިހާދުގެ ބައިވެރިންނަށް ކަނޑިތީމުގެ ރައްޔިތުންގެ ފަރާތުން ދެއްވާފައިވަނީ ހޫނު ތަރުހީބެއް ކަމަށާއި ލިބިފައިވާ އެއްބާރުލުމާއި އެހީތެރިކަން ވަރަށް ފުރިހަމަ ކަމުގައި އެބޭފުޅުން ފާހަގަކޮށްފައިވެއެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com