Tuesday, September 9, 2008

ފަޅު ފުންކުރުމާބެހޭ ގޮތުން ޚިޔާލުފާޅުކުރުމަށް ރައްޔިތުންނާ ބައްދަލުކޮށްފި


ފަޅުފުންކުރުމުގެ މަސައްކަތް ލަސްވަމުންދިއުމާއި އަދި ހުރި އެހެނިހެން މައްސަލަތަކާއިބެހޭ ގޮތުން ޚިޔާލުފާލުކުރުމަށް ރޭ ކަނޑިތީމުގެ ރައްޔިތުންނާ ރަށު އޮފީހުން ބައްދަލުކޮށް ޚިޔާލު ބަދަލުކޮށްފިއެވެ. މި ބައްދަލުވުން 10:30 ހަމައަށް ކުރިއަށް ދިޔަކަމަށް ފެކްޓް ޓީމަށް ވަނީ މަޢުލޫމާތުލިބިފައެވެ. ރޭގެ މި ބައްދަލުވުމުގައި ރައްޔިތުން އެމީހުންގެ ޚިޔާލުތައް މިނިވަންކަމާއެކީ ފާޅުކޮށް ރައްޔިތުން އެދޭގޮތް ހާމަ ކުރިއެވެ. ރައްޔިތުންނާ ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއްވެސް ކުރިމަތިވީކަމަށާއި އަދި އެކަމަށް އެކަށޭނަ ޙައްލެއް ލިބިފައިނުވާކަމަށް ފެކްޓް ޓީމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ފަޅުފުންކުރާނަމަ ރައްޔިތުން އެދޭ ގޮތަކީ ފަޅުފުންކޮށް ބޭރު ތޮށިގަނޑު ހަލާކުނުވެ އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ބޮޑު ހިލަ ޖައްސައި ރަނގަޅުފެންވަރެއްގެ ތޮށިގަނޑެއް ކަނޑިތީމުގައިވެސް ހެދުމެވެ. އެހެނަސް ސަރުކާރުން އެކަން އޮތީ ކޮށްދޭގޮތަށް ނޫންކަމަށް ރަށު އޮފީހުން ވިދާޅުވިއެވެ. ސަރުކާރުން ކޮށްދިނުމަށް ހަމަޖެހިފައި އޮތީ ފަޅު ފުންކުރުމަށްފަހު ހަމައެކަނި އެދިމާލުގައި ސިމެންތިގޯނި ޖަހާ ކުރީގައިވެސް ހެދިފައިވާ ފަދަ ތޮއްޓެއް ހެދުމަށެވެ. އެހެންނަމަވެސް އެއީ ރައްޔިތުން އެދޭގޮތް ކަމަށް ނުވާތީ އެކަމާ ދެކޮޅަށް ރައްޔިތުން އިހުތިޖާޖުކޮށް ރައްޔިތުން އެކަމަށް އެދޭގޮތް ފާޅުކުރިއެވެ. ނަމަވެސް އެގޮތަށް ހަމަޖެހިފައި ނުވާކަމަށް ވިދާޅުވެ އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ފަރާތުން ވަނީ އިންކާރުކޮށްފައެވެ. އަދި ހަމައެކަނި ފަޅުފުންކޮށްދީފަ، ހަމައެކަނި އެދިމާލުގައި ސިމެންތިގޯނީގެ ބަލި ތޮއްޓެއް ހަދައިދިނުމަކީ ރައްޔިތުން ލޮލުގައި އަނދުން އެޅުވުމަށް ކުރާ މަސައްކަތްކަމަށާއި މިފަހަރުގެ އިންތިހާބުގައި ޒަޢީމަށް ވޯޓު ގިނަކުރެއްވުމަށް ކުރާ މަސައްކަތެއްކަމަށް ރައްޔިތުންދިޔައީ ބުނަމުންނެވެ. އަދި ރައްޔިތުން ބުނަމުން ދިޔައީ ރައްޔިތުން އެދޭގޮތަށް އެކަންކަން ކޮށްނުދެއްވާނަމަ ފަޅުފުންކުރުމަށް ރައްޔިތުން ބޭނުންނުވާކަމަށެވެ.

ރޭގެ ބައްދަލުވުން ނިމިގެން ދިޔައިރު މިކަމަށް ޙައްލެއް ވަނީ ނުލިބިއެވެ. ދެން އަދި އެކަން ކުރިއަށްދާނެ ވަކިގޮތެއްވެސް ރައްޔިތުންނަށް އަންގާފައި ނުވާކަމަށް ފެކްޓް ޓީމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com