Saturday, September 20, 2008

ކުނިކޮށި - ރަށުގެ ރައްކާތެރިކާމައި ސާފުޠާހިރުކަމަށް އެޅިފައިވާ ހަރުދަނާ ފިޔަވަޅެއް


އެއްވެސް ކަހަލަ ޚިޔާލެއް ފިކުރެއް ނެތި ގޮނޑު ދޮށަށާއި ރަށުގެ އެކިހިސާބުތަކަށް ކުނި އެޅުމަކީ މީގެ ކުރިން ޢާއްމު ކަމެކެވެ. މިހާރުވެސް މަދުން ނަމަވެސް ހިނގާ ކަމެކެވެ. އެހެންނަމަވެސް ކަނޑިތީމުގައި ކުނި އުކާލުމަށްޓަކައި ޚާއްޞަ ސަރަހައްދެއް ކަނޑައެޅުނު ފަހުން ގޮނޑު ދޮށަށާއި އެހެނިހެން ތަންތަނަށް ކުނި އަޅާ މީހުންގެ ޢަދަދު ވަރަށް މަދުކަމަށް ދެންނެވުމަކީ ކުށަކަށްނުވާނެއެވެ. ހަމަޔަޤީނުންވެސް މިއީ ކޮންމެވެސް ބައެއްގެ މިންނަތް މަސައްކަތުން އެޅިފައިވާ ހަރުދަނާ ފިޔަވަޅެކެވެ. ރަށް ސާފުޠާހިރުކަންމަތީ ބޭއްވުމަށް ކުރެވިފައިވާ ބުރަ މަސައްކަތެކެވެ.

މީގެ ދުވަސްތަކެއް ކުރިން ކުނި އުކާލުމަށްޓަކައި ވަރަށް ފުރިހަމައަށް ކުނިކޮށި ހަދައި އެކަމަށްޓަކައި ވަކި ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމަށާއި އަދި އެކަމަށްޓަކައި ވަރަށް ފުރިހަމަ ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށް ތަފާތު ވާހަކަތައް ދެއްކި އަޑު އަޅުގަނޑުމެން އެހީމުއެވެ. ކުނި ކޮށިތަކަކީ ވަރަށް ރަނގަޅު ފެންވަރެއްގައި ހެދޭނެ އެއްޗެއްކަމުގައި ވާހަކަތައް އިވިގެން ދިޔައެވެ. ފޮނި ވާހަކަތަކުގައި ކުލަ ޖެހުމުގައި ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެއެވެ. އެހެންނަމަވެސް މަދުކަމެއްގައި މެނުވީ ދެއްކި ވާހަކައާއި އެއްގޮތަށް ކުލަޖެހިފައެއްނުވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މިންނަތް މަސައްކަތާއެކު ކުނި ކޮށިތަކެއް ހަދައި އެކަމަށްޓަކައި ވަކި ސަރަޙައްދެއް ކަނޑައެޅި ކުނި އަކާލުމުގައި ވަކި ޤަވާޢިދުތަކެއް އެކުލާވާލެވި އެއާ އެއްގޮތަށް ޢަމަލު ކުރަން ފެށިފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. ކަނޑިތީމުގެ އެންމެހާ ރައްޔިތުންވެސް ޤަބޫލުކުރާނެ ފަދައިން ނަތީޖާ ވަރަށްވެސް ފޮންޏެވެ. ކަނޑައެޅިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ޢަމަލުކުރާމީހުން ނުހަނު ގިނައެވެ.

ކޮންމެ ކަމެއްގައިވެސް، ކޮންމެ ތަނެއްގައިވެސް ޚިޔާލު ތަފާތުވާ މީހުންނާއި ވަކި ކަމަކަށް ދެކޮޅު ހަދާމީހުން އުޅޭނެއެވެ. އެންމެންގެ ޚިޔާލަކީ އެއްގޮތް އެއްޗެއް ނޫނެވެ. އެހެންކަމުން ކަނޑީތީމުގައި ވެސް މި ކުނިކޮށްޓަށް ކުނި އުކާލުމުގައި އެހެންމީހުންނާއި ތަފާތު ޚީޔާލު ގެންގުޅޭ މީހުން އުޅޭނެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާރުވެސް އަދި މަދުންނަމަވެސް ރަށުގެ ގޮނޑުދޮށަށާއި އެހެނިހެން ހިސާބުތަކަށް ކުނި އުކާލާ މީހުން އުޅެއެވެ. ދުރު ހިސާބަކަށް ދާންޖެހޭނަމަ އެއީ ބުރަކަމެއް ކަމުގައި ދެކި ގޮނޑުދޮށް އޮތީ ކައިރީގައި ނަމަ އެތަނަކަށް ކުނި އަޅާލަނީއެވެ. މިއީ އެފަދަ ޢަމަލު ހިންގާ މީހުންގެ ޚިޔާލު ހުންނާނެގޮތެވެ. ފަސޭހަ ގޮތް ކޮންމެ މީހަކަށްވެސް ފަސޭހަވާނެއެވެ. އެހެންނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ނޫންކަމުގައި އެންމެވެސް ވިސްނަން އެބަޖެހެއެވެ. މަދު ބައެއްގެ ފަރާތުން ވިޔަސް އެފަދަ ނޭދެވޭ ޢަމަލުތައް ފެންނަމުންދާތީ އެކަންކަމާއި ހިތްހަމަނުޖެހި އެކަމުގެ ޝަކުވާތައް ކުރާމީހުންވެސް އުޅެއެވެ. މިފަދަ ޝަކުވާތަކުގެ އަޑު ނީވުމަކީ އެންމެވެސް ބޭނުންވާނެ، އަދި އެދޭނެ ގޮތްކަމަށްވާތީ އެކަމަށް އޮތް އެންމެ އެކަށޭނަ ޙައްލަކީ އެންމެން އެއްބާރުލައި މަސައްކަތްކުރުމެވެ.

ކުނިކޮށިތައް ހަދައި ވަކި ތަނަކަށް އެންމެންވެސް ކުނި ޖަމާކޮށް ކުނި ނައްތާލުމުގައި ޚާއްޞަ ވަކި ބަޔަކު އެކަމުގައި ޝާމިލުވެ އުޅޭ އުޅުމަކީ ރާއްޖޭގެ އެހެން ރަށްތަކުންވެސް މިއަދު އަޅުގަނޑުމުން ދެކެމުން އަންނަ މަންޒަރުތަކެވެ. ދުވަހަކަށްވުރެ ދުވަހެއް އެތަންތަނުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ އިތުރު ފިޔަވަޅުތަކެއް އެޅިގެންދާތަން އަޅުގަނޑުމެން ދެކެމުއެވެ. މިފަދަ ކަންކަމުގައި ހުރިހާ ރަށެއްގައިވެސް އިސްވެ އުޅޭ ބަޔަކީ އެރަށެއްގައި އުފެދިފައި އޮންނަ ޖަމިއްޔާ ޖަމާޢަތްތަކެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ގިނަ ޙަރަކާތްތަކެއް ހިންގަޖެހޭ ބަޔަކީވެސް އެބައިމީހުންކަމަށް ވީހިނދު، ހަމައެކަނި ކުނި ކޮށްޓެއް ހެދުމަކުން ނުފުދެއެވެ. އެއްދުވަހުން އަނެއްދުވަހަށް އެތަނުގެ ފެންވަރު ރަނގަޅުކޮށް. އެކަމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. އަބަދުމެހެން އެންމެ ފުރަތަމަ ހެދި ކުނި ވަޅުގަނޑުގައި ކުނި އަންދަ އަންދާ ތިބުމަކުންވެސް ނުފުދޭނެއެވެ. މިއީ އެ ޒަމާނެއް ނޫނެވެ. ބަހެއް ނުކިޔާ ބަޔަކު ބުނާހަ ބަހަކަށް ބޯލަނބަންވީ ޒަމާނެއްވެސް ނޫނެވެ. އަޑުގަދަކޮށް ޒާތީ މައްސަލަތައް ކުރިއަށް ނެރެ މާނައެއް ނެތް ހުއްޖަތް ދައްކައިގެން އެބައެއްގެ ގޮތުގައި ހިފަހައްޓައި، ތިބި ފިޔަޅުމަތީ ތިބެންވީ ޒަމާނެއްވެސް ނުމެނޫންމެއެވެ. މިޒަމާނަކީ ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތުގައި ވިސްނައި މިއަދަށްވުރެ މާދަމާ ކުރިއަރާ ދިއުމުގެ ހެޔޮލަފާ، ތަހުޒީބު ވިސްނުން ގެންގުޅެންވީޒަމާނެވެ. އަމިއްލަ ރަށަކީ ސާފުޠާހިރު، ރައްކާތެރި ތިމާވެއްޓެއްގައި އުޅުވޭ ރަށަކަށް ހެދޭނީ އެންމެންގެވެސް އެއްބާރުލުން ލިބިގެންކަމަށްވާތީއެވެ.އ

No comments:




©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com