ޗައިނާގައި އުފައްދާފައިވާ ކިރުގެ ބާވަތްތައް ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މަނާކޮށްފި

ޗައިނާގައި އުފައްދާފައިވާ ކިރުގެ ބާވަތްތައް ރާއްޖޭގައި ނުވިއްކުމަށާއި ބޭނުންވެސް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އަންގައިފިއެވެ. މިގޮތަށް ފިޔަވަޅު އަޅަންޖެހުނީ ޗައިނާގައި އުފައްދާފައިވާ ކިރު ގަޑުބަޑު ކޮށްފައި ހުރުމުގެ ސަބަބުން އެބޭނުންކުރި ކުޑަކުދިން ބަލިވަމުންދާތީއެވެ. މިކިރު ބުއިމުގެސަބަބުން މިހާތަނަށް 4 ކުދިން މަރުވެ، 53،000 އަށް ވުރެ ގިނަ ކުޑަކުދިން ބަލިވެފައިވާ ކަމަށް އެޤައުމުގެ އޮފިސަލުން ވިދާޅުވެއެވެ. އަދި ގިނަ އަދަދެއްގެ ކުދިން ވަނީ ހަސްފަތާލުތަކުގައި އެނދުމަތިކުރެވިފައެވެ.
ކިރު ގަޑުބަޑު ކުރުމައްޓަކައި ޗައިނާގެ ކުންފުންޏަކުން ބޭނުންކޮށްފައި ވަނީ މެލަމިން ކިޔާ ކެމިކަލެކެވެ. މެލަމިން އަކީ ޕްލާސްޓިކް އުފެއްދުމަށް ބޭނުންކުރާ ކެމިކަލެކެވެ. މިކެމިކަލް ހުންނަ ކިރު ބުއިމުގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުމާއި، ހަންގަނޑާއި ލޮލުގެބަލިތަކާއި، ކުޑަކަމުދާނިޒާމުގެ ތަފާތު މައްސަލަތައް ކުރިމަތިވެފައި ވެއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މައުލޫމާތު ދޭގޮތުގައި ރާއްޖެއަށްވެސް މިފަދަ ކިރުގެ ބާވަތްތަކެން އެތެރެކޮށްފައި ވެއެވެ. މިގޮތުން ޗައިނީޒް މެޑިކަލް ސެންޓަރުން އެތެރެކޮށްފައިވާ ޔޯގަޓްގެ ބާވަތަކާއި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން އެތެރެކޮށްފައިވާ ޗީޒްގެ ބާވަތެއް ހިމެނެއެވެ.
އެހެންކަމުން ކަނޑިތީމުގެ ލޮބުވެތި ރައްޔިތުން މިކަމަށް ހޭލާ ތިބުމަށް ފެކްޓް ޓިމުން އިލްތިމާސް ކުރަމެވެ. ރާއްޖެއަށް އެތެރެ ކުރެވުނު ކިރުގެ ބާވަތްތަކުގެ ނަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހާމަ ކޮށްފައި ނުވާތީ މިތަކެތި ފާހަގަ ކުރުމަކީ ދަތިކަމެކެވެ. މި ތަކެތީ ނަންތައް ސަރުކާރުގެ މި މުހިންމު އިދާރާއިން ހާމަ ނުކުރުމަކީ ހިތާމަހުރިކަމެކެވެ. /ފެކްޓް ނިއުސް ޓީމް/ކ
No comments:
Post a Comment