ޖުމްހޫރީ ގުޅުމުން ދެވަނަ ބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމައިފި
ޖުމްހޫރީ ގުޅުމުގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމައިފިއެވެ. ޖުމްހޫރީ ގުޅުމުގެ އިތުރުން ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވި ޑރ. ޙަސަން ސަޢީދު އަދި އިންތިޚާބުގައި އެންމެ ފުލަށް ވަޑައިގެންނެވި ލިބެރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް(އިބްރާ) ވެސް ވަނީ ދެވަނަ ބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދު ކުރައްވާނެކަމަށް އިޢުލާނުކޮށްފައެވެ.
ޖުމްހޫރީ ގުޅުމުން އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމެވި ނަމަވެސް އެކަމާބެހޭ އިތުރު ތަފްޞީލެއް ނުދެއްވައެވެ. ގާސިމްގެ ކެމްޕެއިން ވެބްސައިޓްގައި އެކަމާބެހޭގޮތުން ޝާއިޢުކޮށްފައިވާ ކުއްލި ޚަބަރުގައިވަނީ "ޤައުމީ އެއްބައިވަންތަކމުގެ ގުޅުމެއް އުފެއްދުމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން އެމް.ޑީ.ޕީއާއެކު އެއްބަސްވެއްޖެ" މިހެންނެވެ. އެކަމާބެހޭ އިތުރު ތަފްޞީލެއް އެ ވެބްސައިޓްގައިވެސް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް އެވެބްސައިޓްގައިވަނީ އެކަމާގުޅޭ ޚާއްޞަ ޖަލްސާއެއް 11 އޮކްޓޯބަރ 2008 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި އާޓިފިޝަލް ބީޗްގައި އޮންނާނެކަމަށެވެ. އަދި އެޖަލްސާއަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދައުވަތު ދެއްވާފައިވެއެވެ.
ޖުމްހޫރޫ ގުޅުމާއެކު ތިން ފަރާތަކުން އެމް.ޑީ.ޕީ އިއްތިހާދަށް ދެވަނަ ބުރުގައި ތާއީދުކުރަން ނިންމިއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އެންމެ ފުލުން ދެވަނަ ހޯއްދެވި އުމަރު ނަސީރު ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއް ކަމުނުދާކަމުގައެވެ. އަދި އެ ދެ ކެންޑީޑޭޓުންގެ ބައެއް ސިޔާސަތުތައްވެސް ކަމުނުދާކަމުގައި ވިދާޅުވެފައިވެއެވެ.އ
No comments:
Post a Comment