Sunday, November 9, 2008

ބަރަކު އޮބާމާގެ ޙަޔާތަށް ބަލައިލުމެއް


ބަރަކު ހުސެން އޮބާމާ އުފަންވެފައިވާނީ 1961 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ދުވަހު އެމެރިކާގެ ހަވާއީއަށެވެ. ބަރަކް އޮބާމާގެ ބައްޕައަކީ ކެންޔާގަ ރައްޔެތެކެވެ. އޭނާ އުފަންވެފައިވަނީ ކެންޔާގެ ނަޔާންޒާ ޕުރޮވިންސަށެވެ. އޮބާމާގެ މަންމައަކީ އާންޑުންހަމް އެވެ. ޑުންހަމްގެ ހަޔާތުގެ ޅަދުވަސްވަރު ދިރިއުޅެމުންއައީ ކެންސަސް ސްޓޭޓުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޑުންހަމްގެ ބައްޕަ މަސައްކަތްކުރަމުންއައީ ތެޔޮކުންފުންޔެއްގައެވެ. އެހެންނަމަވެސް ޖަޕާން ސިފައިން ޕާލްހާބަރ އަށް ހަމަލާދިނުމުގެ ސަބަބުން ސިފައިންގެ ތެރޭގައި ހަރަކާތްތެރިވާންފެށިއެވެ. ހަނގުރާމަ ނިމުމަށްފަހު އެއާއިލާގެ ދިރިއުޅުން ހަވާއީ އަށް ބަދަލުކުރިއެވެ.

އެދުވަސްވަރު ބަރަކްގެ ބައްޕައަށް ލިބުނު ސްކޮލާސިޕްއެއްގައި އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ހަވާއީއަށް ދިޔައެވެ. އެދުވަސްވަރު އޮބާމާގެ ބައްޕައާއި މަންމަ ދިމާވިއެވެ. މިދެމީހުން ކިޔަވަމުން ދިޔައީ މަނާއޯގައި ހުންނަ ޔުނިވަރސިޓީ އޮފް ހަވާއީގައެވެ.އެދުވަސްވަރު މި ދެމީހުންގެ ދޭތެރޭގައި ގާތް ގުޅުމެށް އުފެދުނެއެވެ. މިދުވަސްވަރު ޑުންހަމް އަށް ބަރަކް އޮބާމާ ލިބުނެއެވެ. އޮބާމާ ލިބުމަށްފަހު އެދެމަފިރިންނަށް މާގިނަ ދުވަހު އުޅެވޭގޮތެއް ނުވިއެވެ. އޮބާމާގެ އުމުރުން ދެ އަހަރުގައި އޭނާގެ މަންމައާއި ބައްޕަ ވަކިވިއެވެ. އެއަށްފަހު އޮބާމާގެ ބައްޕަ ޕީ.އެޗް.ޑީ ހާސިލްކުރުމަށްޓަކައި ހަވާރޑްއަށް ބަދަލުވިއެވެ. އަދި ކިޔަވާނިންމުމަށްފަހު ކެންޔާއަށް ދިރިއުޅުން ބަދަލުކުރިއެވެ.

އޮބާމާގެ ބައްޕައާއި ވަކިވުމަށްފަހު ޑުންހަމް އިތުރު ކައިވެންޏެއް ކުރިއެވެ. އެކައިވެނި ކޮށްފައިވަނީ އެސްޓް-ވެސްޓް ސެންޓަރގައި އެދުވަސްވަރު ކިޔަވަމުންދިޔަ އިންޑޮނާސިއާގެ ރައްޔިތެއް ކަމުގައިވާ ލޯލޯ ސޮއިޓޯރޯ އާއިއެވެ. މިއާއިލާ 1967 ވަނަ އަހަރު އިންޑޮނާސިއާގެ ޖަކާޓާއަށް ދިރިއުޅުން ބަދަލު ކުރިއެވެ. މިދުވަސްވަރު ޑުންހަމްއަށް އަންހެން ކުއްޖަކު ލިބުނެއެވެ. އޮބާމާ އެދުވަސްވަރު ޖަކާޓާގެ ސްކޫލްއަކަށް ކިޔަވަންދިޔައެވެ. އެސްކޫލްގައި ކިޔަވައިދެނީ އިންޑޮނާސިއާ ބަހުންނެއެވެ(އެމެރިކާގެ ރިޔާސީ އިންތިހާބު ކުރިއަށް ދިޔަ ދުވަސްވަރު އިންޑޮނާސިއާގައިވެސްވަނީ އޮބާމާއަށް ކެމްޕެއިން ކޮށްފައެވެ).

1971ވަނަ އަހަރު އޮބާމާގެ މާމައައާއި ކާފައާއި އެކު ދިރިއުޅުމަށްޓަކައި އެމެރިކާގެ ހަވާއީއަށް ދިރިއުޅުން ބަދަލުކުރިއެވެ.އޮބާމާގެ މާމަ ވަނީ 2008ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފެށުމުގެ ދެދުވަސްކުރިން ނިޔާވެފައެވެ. 1995ވަނަ އަހަރު އޮބާމާގެ މަންމަ ޑުންހަމް ރަހިމުގެ ކެންސަރުގެ ސަބަބުން ވަނީ ނިޔާވެފައެވެ.

އޮބާމާގެ ދިރިއުޅުން ހަވާއީ އަށް ބަދަލުވުމަށްފަހު އޭނާ އެންމ ފުރަތަމަ ތައުލީމު ހާސިލްކުރުމަށް ގޮސްފައިވަނީ ޕުނާހައު އެކެޑަމީއަށެވެ. 1979ވަނަ އަހަރު އޮބާމާ ވަނީ އެއެކަޑަމީ ގުރެޖުއޭޓް ވެފައެވެ. އެއަހަރު އެއެކަޑަމީން ގުރެޖުއޭޓް ވެފައިވަނީ ކަޅު ނަސްލުގެ ތިން ކުދިންނެއެވެ. އޮބާމާ އެންމެ ފުރަތަމަ ނަސްލީ ތަފާތު ކުރުންތަކާ އެންމެ ފުރަތަމަ ވިސްނަންފެށުނީ މިސަބަބާހުރެއެވެ.

އޮބާމާގެ މަންމައާއި ބައްޕަގެ ކައިވެނި ރޫޅުނ ފަހުން އޮބާމާއަށް އޭނަގެ އަސްލު ބައްޕަ ފެނިފައިވަނީ އެންމެ ފަހަރަކުއެވެ.އެއީ 1971ވަނަ އަހަރު އޮބާމާގެ އުމުރުން އެންމެ 10އަހަރުގައެވެ. އޮބާމާގެ ބައްޕަ މަރުވެފައިވަނީ 1982ވަނަ އަހަރު ކެންޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައެވެ.

އޮބާމާ ހައި ސްކޫލް ނިންމުމަށްފަހު ތައުލީމު ހާސިލްކުރުމަށްޓަކައި ދެންދިޔައީ ލޮސްއެންޖަލަސްގައި ހުންނަ އޮކްސިޑެންޓަލް ކޮލެޖަށެވެ. އެކޮލެޖުގައި ދެއަހަރު ހޭދަ ކުރުމަށްފަހު ދެންބަދަލުވީ ނިއުޔޯކުގައި ހުންނަ ކޮލަމްބިއާ ޔުނިވަރސިޓީއަށެވެ. މި ޔުނިވަރސިޓީން 1983ވަނަ އަހަރު ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކުރިއެވެ.

1985ވަނަ އަހަރު އޮބާމާގެ ދިރިއުޅުން ޗިކާގޯއަށް ބަދަލުކުރިއެވެ. އެދުވަސްވަރު ޗިކާގޯގެ ދެކުނުގައި ހުންނަ ޓިރިނިޓީ ޔުނައިޓެޑް ޗާރޗް އޮފް ކުރިސްޓްގައި އޮބާމާ ވަނީ މަސައްކަތްކޮށްފައެވެ. އޮބާމާވަނީ އޭނާގެ ގާތްތިމާގެ މީހުންނާ ބައްދަލުކުރުމަށްޓަކައި ކެންޔާއަށްވެސް ގޮސްފައެވެ.މިދަތުރުތަކުގެ ތެރޭގައި އޭނާގެ ބައްޕައާއި ކާފައަށް ޒިޔާރާތް ކުރުމަށް ކުރި ދަތުރުވެސް ހިމެނެއެވެ.

1988 ވަނަ އަހަރު ހަވާރޑު ލޯ ސްކޫލްއަސް ވަނެއެވެ. 1990ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާރޑު ލޯ ރިވިއުގެ އެޑިޓަރގެ މަގާމަށް ބަރަކް އޮބާމާ އިންތިހާބު ކުރެވުނެއެވެ. އޮބާމާ އަކީ ހަވާރޑް ލޯ ރިވިއުގެ އެޑިޓަރގެ މަގާމަށް އިންތިހާބުވި ފުރަތަމަ އެފްރިކަން އެމެރިކަން ނަސްލުގެ މީހާއެވެ.1991 ވަނަ އަހަރު ހަވާރޑް ލޯ ސްކޫލުން އެންމެ މަތީ ދަރަޖައިގައި (މަގްނާ ކަމް ލައުޑީ) އޮބާމާ ގުރެޖުއޭޓް ވިއެވެ.

ލޯ ސްކޫލުން ކިޔެވުމަށްފަހު އެނބުރި ޗިކާގޯ އަށް ބަދަލުވިއެވެ. ޗިކާގޯގެ ލޯ ފާރމްއެއް ކަމުގައިވާ މައިނަރ، ބަރންހިލް އެންޑް ގެލެންޑް ގައި ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރަމުންދިޔައެވެ. އަދި ޔުނިވަރސިޓީ އޮފް ޗިކާގޯ ލޯ ސްކޫލް ގައި ކިޔަވައިދިނެއެވެ. 1992ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ބިލް ކުލިންޓަން ކެމްޕެއިން ކުރަމުން ދިޔަ ދުވަސްވަރު އާންމުންނަށް ވޯޓުލާން ރަޖިސްޓްރީ ކުރުމުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރުމަށް އެހީތެރިވެދީފައިވެއެވެ.

އޮބާމާ ވަނީ 1995ވަނަ އަހަރު އޭނާގެ އޮޓޯބައޮގުރަފީއެއް ނެރެފައެވެ. މިފޮތުގެ ނަމަކީ ޑްރީމްސް ފުރޮމް މައި ފަދަރ: އަ ސްޓޯރީ އޮފް ރޭސް އެންޑް އިންހެރިޓެންސް އެވެ. މިފޮތުގެ އޯޑިއޯ ވާރސަނުން އޮބާމާއަށް ވަނީ ގުރެމީ ލިބިފައެވެ.

އޮބާމާގެ ވިސްނުމާއި ފިކުރު ހުރި ގޮތުން އެދުވަސްވަރު އިލިނޮއީގެ ސްޓޭޓް ސެނެޓްއަށް ޑިމޮކުރެޓިކް ޕާޓީގެ ފަރާތުން ކުރިމަތިލާން ނިންމިއެވެ. 1996ވަނަ އަހަރު އޭނާ އިލިނޮއީގެ ސްޓޭޓް ސެނެޓަރެއްގެ މަގާމަށް އިންތިހާބުވިއެވެ. އޮބާމާ އިންތިހާބުވީ އިލިނޮއީގެ ދެކުނު ސަރަހައްދުގައިވާ ހައީޑު ޕާރކުގެ ގޮނޑިއަށަވެ. އޮބާމާ ސްޓޭޓް ސެނެޓްގައި މަސައްކަތް ކުރަމުންއައި ދުވަސްވަރު ޑިމޮކުރެޓިކް އަދި ރިޕަބުލިކަން ސެނެޓަރުންނާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މިގޮތުން ސިއްހީ ހިދުމަތް ފުޅާކުރުމުގެ ގޮތުން އެކުލަވާލި ބިލަކާއި ޅައުމުރުގައި ޔަތީމު ކުދިންނަށް ތައުލީމު އުނގެނުމަށް މަގުފަހިކުރުމުގެ ގޮތުންވެސް ބިލެއް އެކުލަވާލައި ސެނެޓަށް ހުށަހެޅިއެވެ.

2000ވަނަ އަހަރު ޑިމޮކުރެޓިކް ޕާޓީގެ ފަރާތުން ހައުސް އޮފް ރިޕުރެޒުންޓިވްސްގެ ގޮނޑިއަކަށް ކުރިމަތިލިއެވެ. އެހެންނަމަވެސް ޑިމޮކުރެޓިކް ޕާޓީގެ ޕުރައިމެރީގައި ހަތަރު ދައުރު އެ ގޮނޑި ކާމިޔާބުކުރައްވާފައެވާ ބޮބީ ރަސް އާ ވާދަކޮށް ނާކާމިޔާބުވިއެވެ.

އޮބާމާއަކީ އެންމެ ފުރަތަމަވެސް އިރާގު ހަނގުރާމާއާ ދެކޮޅުހަދައި ވަރަށް ގިނަ ވާހަކަތަކެއް ދައްކަމުންދިޔަ މީހެކެވެ.އޭނާވަނީ ސްޓޭޓް ސެނެޓްގައި މިކަމާ ދެކޮޅަށް ވާހަކަދަޢްކާފައެވެ. އަދި މިހަނގުރާމައާ ދެކޮޅުހެދުމުގެ ގޮތުން2002ވަނަ އަހަރު ޗިކާގޯގެ ފެޑްރަލް ޕްލާޒާގައި ބޭއްވި ރެލީއެއްގި މިކަމާ ދެކޮޅުހަދާ ވާހަކަ ދެއްކިއެވެ.

2003 ވަނަ އަހަރު އޮބާމާ ޔޫ.ސް ސެނެޓްގެ ގޮނޑި އަކަށް ކުރިމަތިލާންނިންމިއެވެ. އެއީ ރިޕަބުލިކަން ސެނެޓަރެއްކަމުގައިވާ ޕީޓަރ ފިޓްގެރަލްޑް އޭނާގެ ގޮނޑި ދޫކޮށްލުމުންނެވެ. އެގޮނޑިއަށް ޑިމޮކުރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށްޓަކައި ޕްރައިމެރީއެއް ބޭއްވުނެއެވެ. މިޕްރައިމެރީގައި މަލްޓި މިލިނިއަރެއްކަމުގައިވާ ބުލެއަރ ހަލް އަދި އިލިނޮއީގެ ކޮމްޕްޓުރޯލާރ ޑެނިއަލް ހައިންސްއާ ވާދަކޮށް އޮބާމާވަނީ 52% ވޯޓް ހޯއްދަވައި އެއިންތިހާބު ކާމިޔާބު ކުރައްވާފައެވެ.

2004ވަނަ އަހަރު ބޮސްޓަންގައި ބޭއްވުނު ޑިމޮކުރެޓިކް ނެސެނަލް ކޮންވެންސަންގައި ޖޯން ކެރީ އަށް ތާއިދުކުރުމުގެ ގޮތުން ވާހަކަ ދެއްކުމުގެ ފުރަސަތު ލިބުނެއެވެ. މި ކޮންވެންސަންގައި އޮބާމާ ވަރަށް ބޮޑަށް މަސްހޫރުވިއެވެ.

ކޮންވެންސަންއަށް ފަހު އިލިނޮއީ އަށް އައިސް އާންމު އިންތިހާބުގެ ކެންޕެއިން ކުރަންފެށިއެވެ. އޮބާމާ އާއި އާންމު އިންތިހާބުގައި ވާދަކުރެއްވީ ރިޕަބުލިކަން ޕްރައިމެރީ ކާމިޔާބު ކުރެއްވި ޖެކް ރަޔާންއެވެ.އެހެންނަމަވެސް އިންތިހާބު ފެށުމުގެ ކުރިން ޖެކް ރަޔާން އިންތިހާބުން ވަކިވާންޖެހުނެއެވެ. އެއީ އޭނާގެ ބަދުއަހްލާގީ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އެއަށްފަހު ރިޕަބުލިކަންގެ ޓިކެޓް ލިބިވަޑައިގަތީ ޑިޕްލޮމެޓް އަދި ކުރީގެ ރިޔާސީ ކެންޑިޑޭޓެއްކަމުގައިވާ އެލެން ކެޔޭސް އަށަވެ. އެލެން އަކީވެސް އެމެރިކަން-އެފްރިކަން އެކެއެވެ.

ނޮވެމްބަރ 2004ގައި ބޭއްވުނު އާންމު އިންތިހާބު އޮބާމާ ކާމިޔާބުކުރެއްވިއެވެ. ވޯޓްގެ %70 ލިބުނީ އޮބާމާ އަށެވެ. އެލެން ލިބުނީ އެންމެ %27 ވޯޓެއެވެ. މިކާމިޔާބުވީ އިލިނޮއީގެ ތާރީހުގައިވެސް އާންމު އިންތިހާބުގައި ވާދަކުރެއްވި ބޭފުޅަކަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަށެވެ. އަދި އޮބާމާ ވެފައިވަނީ އެމެރިކާގެ ސެނެޓަށް އިންތިހާބުވި ތިންވަނަ އެފްރިކަން-އެމެރިކަން ނަސްލުގެ ސެނެޓަރަށެވެ.

ބަރަކް އޮބާމާ ސެނެޓެރުކަމުގެ ހުވާކުރައްވާފައިވަނީ 2005ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އޮބާމާ އާއި ރިޕަބުލިކަން އަދި އިންޑިއާނާ ތަމްސީލްކުރައްވާ ސެނެޓަރ ރިޗަރޑް ލޫގަރ ދެބޭފުޅުން ގުޅިގެންވަނީ ވަރަށް މުހިއްމި ބިލެއް ސެނެޓަށް ހުށަހަޅާފައެވެ. އެއީ އިރުމަތީ ޔޫރަޕްގައާއި ރަސިއާގައިވާ ގެއްލުންދޭ ހަތިޔާރުތައް ނައްތާލުމުގެ މަސައްކަތް ކުރުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލި ބިލެކެވެ. އަދި ރިޕަބުލިކަން އަދި އޮކްލަހޯމާ ތަމްސީލް ކުރައްވާ ސެނެޓަރ ޓޮމް ކޯރބާން އާއި އޮބާމާ ގުޅިގެން ސަރުކާރުން ކަންތައްތަކަށް ހަރަދުކުރާ ގޮތުގެ މައުލޫމާތު ހިމަނައިގެން ވެބްސައިޓެއް ހަދައިފައެވެ. އެންމެ ފުރަތަމަ އޭވިއަން ފުލޫ އާއި ބެހޭގޮތުން އެމެރިކާގެ ސެނެޓުގައި ވާހަކަދެއްކެވީވެސް އޮބާމާއެވެ. އަދި ހަރިކޭން ކެތްރީނާގެ ސަބަބުން ހާލުގައި ޖެހިފައިވާ މިހުންނާ ބެހޭގޮތުންވެސް ސެނެޓުގައި އޮބާމާ ވާހަކާ ދައްކާފައިވެއެވެ.

އޮބާމާ ދެވަނައަށް ލިޔުނު ފޮތް ނެރެފައިވަނީ އޮކްޓޫބަރ 2006ގައެވެ. އެފޮތުގެ ނަމަކީ

"The Audacity of Hope: Thoughts on Reclaiming the American Dream".

2007 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮބާމާ 2008ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރިއެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅަކު ހޮވުމަށް ޑިމޮކުރެޓިކް ޕާޓީގެ ޕުރައިމެރީގައި އޮބާމާ އާއި އެންމެ ވާދަކުރެއްވީ އެމެރިކާގެ ކުރީގެ މަހާރެހެންދި އަދި މިހާރު ސެނެޓުގައި ނިއު ޔޯކު ތަމްސީލް ކުރައްވާ ހިލަރީ ރޯޑްހަމް ކުލިންޓަން އެވެ. އެހެންނަމަވެސް ރިޔާސީ ޕްރައިމެރީ ނުނިމެމީސް ޑިމޮކުރެޓިންގެ ރިޔާސީ ޓިކެޓް އޮބާމާއަށް ޔަގީންވިއެވެ.

2008ވަނަ އަހަރު ނޮވެމްބަރ މަހުގެ 4ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީވެސް ބަރަކް އޮބާމާ އެވެ. މި އިންތިހާބުގައި އޮބާމާ އަށް އިލެކްޓުރަލް ވޯޓުގެ %52 ލިބުނެއެވެ .އޮބާމާ އަކީ އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސް އެވެ. އެމެރިކާގެ 44ވަނަ ރައީސް ދުނިޔޭގެ އެންމެ ހައިބަތު ބޮޑު އަދި ސާނާ ސައުގަތު އެކުލެވިގެންވާ ވައިޓް ހައުސް އަށް ވަދެވަޑައިގަންނަވާނީ 2009ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 20ވަނަ ދުވަހުއެވެ.

އޮބާމާ އޭނާގެ އަންހެނުންނާ(މައިކަލް) އެންމެ ފުރަތަމަ ދިމާވެފައިވަނީ 1988ވަނަ އަހަރު ޗިކާގޯ ލޯ ފާރމް އޮފް ސިޑްލޭ އެންޑް އަސްޓިން ނުންނެވެ. މިދެ މީހުން ކައިވެނި ކޮށްފައިވަނީ އޮކްޓޯބަރ 1992ގައެވެ. އެދެމަފިރިންނަށް މިހާރުވަނީ ދެކުދިން ލިބިފައެވެ. އެއީ 10އަހަރުގެ މާލިއާއި 7އަހަރުގެ ސާސާ އެވެ. ބަރަކް އޮބާމާ މިހާރު ދިރިއުޅެމުން އަންނަނީ ޗިކާގޯގެ ދެކުނުގެ ސަރަހައްދުގައިވާ ކެންވޫޑް ގައެވެ.

Monday, October 20, 2008

ދިވެހި ރައްޔިތުންގެ ޕާޓީގެ ކެމްޕެއިން އޮފީހެއް ކަނޑީތީމުގައި ހުޅުވައިފި

ދިވެހި ރައްޔިތުންގެ ޕާޓީގެ ކެމްޕެއިން އޮފީހެއް ކަނޑީތީމުގައި ހުޅުވައިފިއެވެ. ރެ 9:00 ޖެހިއިރު " ކަނޑިތީމު އަންހެނުންގެ ކެމްޕެއިން ޖަގަހަ" ގެ ނަމުގައި ހުޅުވި ކެމްޕެއިން އޮފީސް ހުޅުވި ރަސްމިއްޔާތުގައި ކަނޑީތީމުގެ ގިނަ ޢަދަދެއްގެ އަންހެނުން ބައިވެރިވެފައިވެއެވެ. މި ކެމްޕެއިން އޮފީސް ހުޅުވާފައިވަނީ މެރިންވިލާ ގޭގައެވެ. މިއީ ކަނޑީތީމުގައި ހުޅުވި ދިވެހި ރައްޔިތުންގެ ޕާޓީގެ ދެވަނަ ކެމްޕެއިން އޮފީހެވެ. އެންމެ ފުރަތަމަ އެ ޕާޓީގެ ކެމްޕެއިން އޮފީހެއް ހުޅުވާފައިވަނީ ޑޭޒީ ވިލާގައެވެ.

އެއްޔެ މި ހުޅުވި ކެމްޕެއިން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ދިއުމަށްޓަކައި ނޫކުލައިގެ 350 ބުރުގާ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން އަންހެނުންނަށް ބަހާފައިވާކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ކެމްޕެއިން އޮފީސް ހުޅުވުމަށްފަހު ފުޅާ ދާއިރާއެއްގައި ކަނޑިތީމު އަންހެނުންގެ ފަރާތުން މައުމޫނަށް ކެމްޕެއިން ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެކަމުގައި އިސްކޮށް ޙަރަކާތްތެރިވަނީ އަންހެނުން ކޮމިޓީގައި ހިމެނޭ މީހުންކަމަށް މަޢުލޫމާތު ލިބެއެވެ.އ

Thursday, October 16, 2008

އޮޑި އެހެލާ ފަޅު އަލުން ހަދަންފަށައިފި

ކަނޑިތީމު އޮޑި އެހެލާ ފަޅު އަލުން ހަދަން ފަށައިފިއެވެ. ފަޅު އަލުން ހަދަންފެށިނަމަވެސް މިފަހަރުވެސް ފަޅު ހަދަނީ ހަމަ ކުރީގައިވެސް އޮޑިއެހެލާ ފަޅު ހަދާފއިވާ ތަނުގައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފަޅު ހަދަން ފަށާފައިވަނީ މިއަދުއެވެ.އ

ކަނޑީތީމުގައި ހަދާފައިވާ އޮޑި އެހެލާ ފަޅަކީ މީގެ އެތައް އަހަރެއް ކުރިން ހަދާފައިވާ ފަޅެކެވެ. އަދި އަލުން އެފަޅު ހެދުމަށް އެ ފެށީ އޮޑިވެރިންނަށް ބޭނުންނުކުރެވޭތާ އެތައް އަހަރުތަކެއް ފާއިތުވެ ދިޔަ ފަހުންނެވެ. އެންމެ ފުރަތަމަ އޮޑި ި އެހެލާ ފަޅު ހެދުމަށް ފެށި އިރުވެސް ރައްޔިތުންގެ ބައެއް މީހުންވަނީ ފަޅު ހަދާގޮތާއިމެދު ނުރުހުން ފާޅުކޮށް އެގޮތަށް ހަދާފިނަމަ ގިނަ ދުވަހަކު ބޭނުންނުކުރެވޭނެކަމަށް ބުނެފައެވެ. އެހެންނަމަވެސް އޭރު އެގޮތަށް ފަޅުވަނީ ކޮނެވިފައެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވަނީސް ފަޅުގެ ބޭނުންނުކުރެވޭވަރަށް ފަޅު ތިލަވެ، ފަޅުގައި ހަދާފައިވާ ވެލީގެ ތޮށިގަނޑު ވަނީ ގިރަން ފަށާފައެވެ. އަދި ސުނާމީއާއެކު ވެލިގަނޑުގެ ވަރަށް ބޮޑުބައެއް ވަނީ ރާޅާއެކު ފަޅުތެރެއަށް ފާބައިފައެވެ. އަދި މިހާރު އެއްގޮތަކަށްވެސް ތޮށިގަނޑެއް ނެތުމުން ފަހުން ފަޅު ބޭނުންކުރަމުން އައި ކުދި ދޯނިފަހަރު ގެންގުޅޭ އޮޑިވެރިންނަށްވެސް ވަނީ ބޭނުން ނުކުރެވޭގޮތް ވެފައެވެ.އ

މިއަދާ ހަމައަށްވެސް ކަނޑިތީމުގެ ރައްޔިތުންނަށްވަނީ އެކަށީގެންވާ އޮޑިއެހެލާ ފަޅެއް ނުލިބިއެވެ. އަދި އެކަމުގެ ސަބަބުން މިހާރު ކަނޑިތީމުގައި ބޮޑެތި އޮޑިފަހަރު ގެންގުޅޭ ފަރާތްތަކަށް އެކަމުގެ ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.އ
ރައްޔިތުންގެ ބޭސް ފިހާރައިގެ ފާމަސިސްޓްގެ ވާރކް ޕާމިޓް ޖޫރިމަނާއަށް 9225 ރުފިޔާ


ކަނޑިތީމު ރައްޔިތުންގެ ބޭސްފިހާރައަށް ގެނެސްފައިހުރި ފާމަސިސްޓްގެ ވާރކް ޕާމިޓް ޖޫރިމަނާގެ ގޮތުގައި 16 އޮކްޓޯބަރ 2008 ހަމައަށް 9225 ރުފިޔާ އަރާފިއެވެ. ބޭސްފިހާރައަށް ގެނެސްފައިވާ އިންޑިޔާގެ ރައްޔިތެއްކަމަށްވާ ޝިޖީންދްރަން ގެ ވާރކް ޕާމިޓްގެ މުއްދަތު ވަނީ 30 ސެޕްޓެމްބަރ 2008 ށް ހަމަވެފައެވެ. އަދި ވާރކް ޕާމިޓް ފީ ވަނީ 01 ޖެނުއަރ2008 ށް ހަމަވެފައެވެ.


ވާރކް ޕާމިޓް ޖޫރިމަނާގެ ގޮތުގައި މިހާރު ކޮންމެ ދުވަހަކަށް އަންނަނީ 25 ރުފިޔާގެ މަގުން ޖޫރިމަނާވަމުންނެވެ. 30 ސެޕްޓެމްބަރ 2008 ން ފެށިގެން 16 އޮކްޓޯބަރ 2008 ށް ވާ 16 ދުވަހަށް، ކޮންމެ ދުވަހަކަށް 25 ރުފިޔާ ޖޫރިމަނާ ވެފައިވާތީ ޖުމުލަ ވާރކް ޕާމިޓް މުއްދަތު ހަމަވެގެން މިނިސްޓްރީއަށް ދައްކަންޖެހޭ ޖޫރިމަނާގެ ގޮތުގައި 425 ރުފިޔާ އަރާފައިވެއެވެ.


ވާރކް ޕާމިޓްފީ ހަމަވެފައިވާ ދުވަހުން ފެށިގެން ކޮންމެ ދުވަހަކަށް 25 ރުފިޔާގެ މަގުން ވާރކް ޕާމިޓް ފީވެސް އަންނަނީ ޖުރިމަނާ އަރަމުންނެވެ. ވާރކް ޕާމިޓް ފީ ހަމަވެފައިވާ 01 ޖެނުއަރީ 2008 ން ފެށިގެން ވާރކް ޕާމިޓް މުއްދަތު އިތުކުރާއިރު އިތުރަށް ދައްކަންޖެހޭ 01 މަސްދުވަހުގެ ފީއާއެކު ޖުމުލަ 12 މަހަށް ފީދައްކަން ޖެހެއެވެ. އަދި 01 ޖެނުއަރީ އަށް ފީ ހަމަވެފައިވާތީ 16 އޮކްޓޯބަރ 2008 ގެ ނިޔަލަށް ކޮންމެ ދުވަހަކަށް 25 ރުފިޔާގެ މަގުން ޖޫރިމަނާވެ، ޖުމުލަ 6050 ރުފިޔާ މިނިސްޓްރީއަށް ވާރކް ޕާމިޓް ފީގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހެއެވެ.


މުޅި ޖުމުލަ ވާރކް ޕާމިޓް މުއްދަތު ހަމަވެގެންނާއި ދައްކަންޖެހޭ ވާރކް ޕާމިޓް ފީއާއި ވާރކް ޕާމިޓް ފީއަށް ވެފައިވާ ޖޫރިމަނާއާއެކު 16 އޮކްޓޯބަރ 2008ގެ ނިޔަލަށް 9225 ރުފިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިއުރިޓީއަށް ދައްކަންޖެހއެވެ. އަދި 16 އޮކްޓޯބަރ 2008 ގައި މި ފައިސާ ނުދައްކައިފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ވާރކް ޕާމިޓް މުއްދަތު ހަމަވެފައިވާތީއާއި ވާރކް ޕާމިޓް ފީ ހަމަވެފައިވާތީ 50 ރުފިޔާ އަންނާނީ ޖޫރިމަނާގެ ގޮތުގައި އިތުރުވަމުންނެވެ. އެއީ ވާރކް ޕާމިޓް މުއްދަތު ހަމަވެގެންޖޫރިމަނާވާ 25 ރުފިޔާއާއި ވާރކް ޕާމިޓް ފީ ހަމަވެގެން ކޮންމެ ދުވަހަކަށް ވާ 25 ރުފިޔާ އެއްކޮށްލުމުން ޖުމުލަވާ 50 ރުފިޔާއެވެ.


ވާރކް ޕާމީޓްގެ ކަންތައް ބަލަހައްޓަމުން އަންނަނީ ރަށު އޮފީހުންނެވެ. އަދި މިކަމުގައި ރަށު އޮފީހުގެ އިހުމާލު ވަރަށް ބޮޑެވެ. ހަމަ ޔަޤީނުންވެސް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބަރާބަރަށް ވާރކް ޕާމިޓްގެ ކަންތައްތައް ބަލަހައްޓަމުން އައިނަމަ ރައްޔިތުންގެ ފައިސާއިން މިހާބޮޑު ޚަރަދެއް ބޭކާރު ގޮތުގައި ކުރާކަށް ނުޖެހުނީހެވެ.


ފުލުގައި ރޯވީމާ ކަންކުރާ އުޞޫލުން ކަންކުރަން އުޅެންޏާ ވާގޮތް މިއޮތީ ފެންނާށެވެ. ޖޫރިމަނާވެގެން ގޮސް މިހާތަނަށް ބޭސްފިހާރައަށް ލިބިފައި ހުރިނަމަ ލިބިފައި ހުރި ފައިސާއެއް މިކަމަށް ޚަރަދުކުރަން ނުޖެހުނިއްޔާ ރަނގަޅެވެ. ކޮންމެ ގޮތެއްގައި ވިޔަސް މިފައިސާ ދައްކަންޖެހޭނީ ރައްޔިތުންގެ ފައިސާއިންނެވެ. ފާމަސީ އަކީ ރައްޔިތުންގެ ތަނަކަށްވީތީ އެތަނަށް ލިބޭ ފައިސާއަކީވެސް ހަމަ ރައްޔިތުންގެ ޙައްޤެކެވެ. އެހެންކަމުން ރައްޔިތުންގެ ޙައްޤުތަކަށް ރަށުއޮފީހުން އިހުމާލުވާވަރު އެންމެނަށް ހަމައެކަނި މިކަމުންވެސް އެބަ ސާފުވެއެވެ. އަދީ އަޅުގަނޑުމެންނަށް ނޭނގޭ ސިއްރުވެފައި ހުރި މިފަދަ ކިތައް ކަންތައް ހުންނާނެހެއްޔެވެ؟ މި ކަމުގައި ރަށު އޮފީހުން ވަރަށް ފުރިހަމައަށް އިހުމާލުވެފައިވާތީ މިކަމުގައި ޒިންމާ ވާން ޖެހޭ ފަރާތަކީ ރަށު އޮފީހުންކަން ޔަޤީނެވެ.އ

Sunday, October 12, 2008

ޑރ. ޙަސަން ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ހުށަހަޅުއްވައިފި

ދިވެހި ޤައުމީ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ޑރ. ޙަސަން ސަޢީދު ހުށަހަޅުއްވައިފިއެވެ. 50 މީހުންގެ ސޮޔާއެކު ޕާޓިއެއް އުފެއްދެވުމަށް ޑރ. ޙަސަން ހުށަހަޅުއްވާފައިވާކަމަށް އިލެކްޝަން ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ. އަދި ޑރ. ޙަސަން ހުށަހަޅުއްވާފައިވާ 50 މީހުންގެ ނަންތައް ސައްޚަތޯ ބަލަމުންދާކަމަށާއި ތިން ދުވަހުގެ ތެރޭގައި އެކަންތައްތައް ނިންމަވާނެކަމަށްވެސް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.

ޑރ. ޙަސަން ގެ ކެމްޕެއިން ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ޙަސަންގެ މިނިންމެވުމަކީ ރިޔާސީ އިންތިޚާބުގައި އޭނާއަށް ތާއީދުކުރެއްވި ގިނ ބައެއްގެ އެދުމުގެ މަތިން ކުރިއަށްގެންދަވާ މަސައްކަތެއް ކަމަށެވެ. އަދި ދިވެހި ޤައުމީ ޕާޓީ ވެގެންދާނީ ރާއްޖޭގައި ޒަމާނުއްސުރެ އޮތް އިސްލާމްދީން ހިމާޔަތްކުރެވި މައުމޫނުގެ ސަރުކާރުން ފަނޑުކުރަމުން ގެންދާ ދިވެހިންގެ އިސްލާމީ އަޤީދާ އިތުރަށް ވަރުގަދަކުރުވާ، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީގޮތުން ޤައުމަށް ގިނަ ކުރިއެރުންތަކެއް ގެނެސްދިނުމަށް މަސައްކަތްކުރާނެ ޕާޓީއެއްކަމަށްވެސް އެ ވެބްސައިޓްގައި ބުނެފައިވެއެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި 3000 މީހުންގެ ސޮއި ހުށަހެޅުއްވުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ޑރ. ޙަސަން ސައީދަށް ދެއްވާނެކަމަށްވެސް އެ ވެބްސައިޓްގައިވެއެވެ.

ޑރ. ޙަސަންގެ ރަނިންމޭޓަކަށް ހުންނެވި ޑރ. ޝަހީދު ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީއަކާއި ދިމާލަށް މިސްރާބު ޖެއްސިވި މައިގަނޑު ސަބަބަކީ އެބޭފުޅުންނަށް ތާއީދުކުރާ މީހުންނާ ގުޅުން ބޭއްވުމުގެ ނިޒާމެއް ޤާއިމްކުރުމެވެ.އ

Saturday, October 11, 2008

ޖުމްހޫރީ ގުޅުމުން ދެވަނަ ބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމައިފި

ޖުމްހޫރީ ގުޅުމުގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމައިފިއެވެ. ޖުމްހޫރީ ގުޅުމުގެ އިތުރުން ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވި ޑރ. ޙަސަން ސަޢީދު އަދި އިންތިޚާބުގައި އެންމެ ފުލަށް ވަޑައިގެންނެވި ލިބެރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް(އިބްރާ) ވެސް ވަނީ ދެވަނަ ބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދު ކުރައްވާނެކަމަށް އިޢުލާނުކޮށްފައެވެ.

ޖުމްހޫރީ ގުޅުމުން އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމެވި ނަމަވެސް އެކަމާބެހޭ އިތުރު ތަފްޞީލެއް ނުދެއްވައެވެ. ގާސިމްގެ ކެމްޕެއިން ވެބްސައިޓްގައި އެކަމާބެހޭގޮތުން ޝާއިޢުކޮށްފައިވާ ކުއްލި ޚަބަރުގައިވަނީ "ޤައުމީ އެއްބައިވަންތަކމުގެ ގުޅުމެއް އުފެއްދުމަށް ޖުމްހޫރީ ގުޅުމުގެ ފަރާތުން އެމް.ޑީ.ޕީއާއެކު އެއްބަސްވެއްޖެ" މިހެންނެވެ. އެކަމާބެހޭ އިތުރު ތަފްޞީލެއް އެ ވެބްސައިޓްގައިވެސް ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް އެވެބްސައިޓްގައިވަނީ އެކަމާގުޅޭ ޚާއްޞަ ޖަލްސާއެއް 11 އޮކްޓޯބަރ 2008 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި އާޓިފިޝަލް ބީޗްގައި އޮންނާނެކަމަށެވެ. އަދި އެޖަލްސާއަށް އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް ދައުވަތު ދެއްވާފައިވެއެވެ.

ޖުމްހޫރޫ ގުޅުމާއެކު ތިން ފަރާތަކުން އެމް.ޑީ.ޕީ އިއްތިހާދަށް ދެވަނަ ބުރުގައި ތާއީދުކުރަން ނިންމިއިރު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި އެންމެ ފުލުން ދެވަނަ ހޯއްދެވި އުމަރު ނަސީރު ވިދާޅުވެފައިވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓެއް ކަމުނުދާކަމުގައެވެ. އަދި އެ ދެ ކެންޑީޑޭޓުންގެ ބައެއް ސިޔާސަތުތައްވެސް ކަމުނުދާކަމުގައި ވިދާޅުވެފައިވެއެވެ.އ

Thursday, October 9, 2008

 ޑރ. ޙަސަނާއި ލިބެރަލް ޕާޓީއިން އެމް.ޑީ.ޕީ އިއްތިހާދާއިއެކު އިއްތިހާދުވެއްޖެ

 އަމިއްލަ ގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންފައިވާ ޑރ. ޙަސަން ސަޢީދު އަދި ލިބެރަލް ޕާޓީއިން އެމް.ޑީ.ޕީ އިއްތިހާދާއި ގުޅިއްޖެއެވެ.އ

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ޑރ. ޙަސަން ވަނީ އެމް.ޑީ.ޕީ އިއްތިހާދަށް ތާޢީދުކުރާނެކަމަށް އިޢުލާނުކޮށްފައެވެ. އަދި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދުކުރަން ނިންމީ އެއްވެސް ޝަރުޠެއް ކުރުމަކާއި ނުލާކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެމް.ޑީ.ޕީއިއްހާދަށް ކެމްޕެއިންވެސް ކޮށްދެއްވާނެކަމަށާއި ރައްޔިތުންގެ ޙައްޤުގައި ކޮންމެކަމެއްވެސް ކުރަން ޑރ.ހަސަން ހުރީ ތައްޔާރަށް ކަމަށް ވަނީ ވިދާޅުވެފައެވެ.އ

ލިބެރަލް ޕާޓީއިންވެސް ވަނީ ދެވަނަ ބުރުގައި އެމް.ޑީ.ޕީ އިއްތިހާދަށް ތާއީދު ކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ. ލިބެރަލް ޕާޓީއިން މިކަން އިޢުލާނުކޮށްފައިވަނީ އެޕާޓީގެ އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައެވެ. އަދި މި ނިންމުމަކީ މިއަދު ނިންމެވި ނިންމެވުމެއް ނޫންކަމަށާއި މާ ކުރިންވެސް ނިންމަވާފައިވާ ނިންމެވުމަށްކަމަށް ވަނީ ވިދާޅުވެފައެވެ. އެންމެ ފުރަތަމަ ޕާޓީތަކުން އިއްތިހާދުވުމަށް ވާހަކަދައްކަމުން އައި އިރުވެސް  މައުމޫން ފިޔަވައި ދެވަނަބުރަށްދާ ކެންޑީޑޭޓަކަށް ތާއީދުކުރަން ނިންމާފައި ވާނެކަމަށް ލިބެރަލް ޕާޓީގެ ރިޔާސީ ކެންޑީޑޭޓް އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.އ


Tuesday, October 7, 2008

ޑީ.އާރް.ޕީއާއި އެމް.ޑީ.ޕީއިން ކަނޑިތީމުގައި ލިޔުންތަކެއް އަޅައިފި

މިއަދު ޑީ.އާރް.ޕީ އިންނާއި އެމް.ޑީ.ޕީއިން ވަނީ ކަނޑީތީމުގައި އެކި ގޭގެއަށް ލިޔުންތަކެއް ބަހާ، އަދި ރަށުތެރެއަށް އަޅަފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ލިޔުންތައް ބަހާ، ރަށުތެރެއަށް އަޅާފައިވަނީ އެމް.ޑީ.ޕީއިންނެވެ. އެއަށްފަހު ޑީ.އާރްޕީއިންވެސް އެއާ އިދިކޮޅަށް ލިޔުން އަޅާފައިވެއެވެ. ކެމްޕެއިން ކުރުމުގެ ފަހުވަގުތު ޖެހެމުން އަންނަ އިރު ކަނޑީތީމުގައި ވަނީ ކެމްޕެއިން ފޯރި ވަރަށް ގަދަވެފައެވެ.

އެމް.ޑީޕީއިން ނެރުނު އެލިޔުމުގައި ވަނީ ޑި.އާރް.ޕީއިން އެދޭގޮތަކީ 8 އޮކްޓޯބަރ 2008ވާ ބުދަ ދުވަހު ވޯޓުލާން ނުނިކުތުމެވެ. އެ ލިޔުން އެމް.ޑީ.ޕީއިންނާއި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން ބަހަމުންދިއުމާއިގުޅިގެން ޑީ.އާރް.ޕީ އިން ވަނީ އެކަމާ ވަރަށް ބޮޑަށް ނުރުހުންވެފައެވެ.

އެމް.ޑީ.ޕީއިން ލިޔުން ހަމަ ނެރުމާއެކީ ޑީ.އާރްޕީއިންވެސް ވަނީ އެކަން ދޮގުކޮށް ޑީ.އާރް.ޕީއިން އެދޭގޮތަކީ އެންމެވެސް ވޯޓުލާން ނިކުތުން ކަމަށް ލިޔެ ލިޔުންތަކެއް ނެރެފައެވެ. އެޑްރެހުގައި "ޑީ.އާރް.ޕީ ކަނޑިތީމު ގޮފި" ލިޔެ، ނެރެފައިވާ ލިޔުމުގައި ވަނީ " ވޯޓުލާން ނުގޮސް ތިބުމަކީ ޑީ.އާރް.ޕީއިން ބޭނުންވާ ގޮތެއް ނޫނެވެ. މާދަމާ 8 އޮކްޓޯބަރ 2008 ވާ ބުދަ ދުވަހުގެ 9:00 ން ރޭގަނޑު 8:00 އަށް ހުރިހާބޭފުޅުންވެސް ވޯޓުލާން ދުރުވެދެއްވުން އެދެމެވެ." މިހެންނެވެ.

4 އޮކްޓޯބަރ 2008 ގައި އިލެކްޝަން ކޮމިޝަނުން ނެރެފައިވައިވާ އިޢުލާނުގައި އެއްވެސް ކެންޑިޑޭޓަކު ނުވަތަ ކެންޑިޑޭޓަކަށް ތާޢީދުކުރާ ފަރާތަކުން ނުވަތަ އެނޫންވެސް އެހެން ފަރާތަކުން އަނެއް ކެންޑިޑޭޓަކަށް ނުވަތަ ކެންޑިޑޭޓެއްގެ އިންތިޚާބީ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި، ސާބިތުކޮށްދެވެން ނެތް ތުހުމަތުތަކުގެ މައްޗަށް ނުވަތަ ހިނގައިދިޔަ ކަމެއްގެ ޙަޤީޤަތް އޮޅިގެންދާފަދަ ގޮތަކަށް އެއްވެސް ކެންޑިޑޭޓަކާ ބެހޭގޮތުން ވާހަކަ ދައްކައި ހަދައިގެން ނުވާނެކަން ހަނދާކޮށްދީފައިވެއެވެ.

އަދި ޢާއްމުންގެ މެދުގައި ފިތުނަޔާއި ރުޅިވެރިކަން އުފެދިދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން އިލްތިމާސްކޮށްފައިވެއެވެ.

އެހެންކަމުން އެއްވެސް ޕާޓިއަކުން ރަށުގެ މަސްލަޙަތު ގެއްލޭގޮތަށް އަދި އެއްބަޔަކު އަނެއްބަޔަކުދެކެ ރުޅިއަރާފަދަ އެއްވެސް ޢަމަލެއް ކުރުމަކީ އެދެވޭކަމެއްކަމުގައި ފެކްޓް ޓީމުންވެސް ނުދެކެމެވެ.އ

Monday, October 6, 2008

އަވަސް ޚަބަރުގެ ތަފްޞީލު

ޑރ. ޙަސަން ސަޢީދު ކަނޑިތީމަށް ވަޑައިގެންފި


މިއަދު މެންދުރު 11:30 އެހާއިރު ޑރ. ޙަސަން ސަޢީދު ކަނޑިތީމަށް ވަޑައިގަންނަވައިފިއެވެ. ޑރ. ޙަސަންގެ މިދަތުރުފުޅަކީ އެމަނިކުފާނު ރާއްޖޭގެ އުތުރަށް ވައިގެމަގުން ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުތަކުން ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޑރ. ޙަސަންގެ އިތުރުން 10 ވަރަކަށް މީހުން ބައިވެރިވެއެވެ.

ޑރ. ހަސަނަށް މަރުޙަބާ ދެންނެވުމަށްޓަކައި ކަނޑތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ. ޑރ. ޙަސަން ކަނޑިތީމަށް ވަޑައިގަތުމަށްފަހު އެމަނިކުފާނުގެ އިސްތިޤުބާލުގައި ތިބި މީހުންނާ ސަލާމްކުރެއްވުމަށްފަހު ކަނޑިތީމު ފިނިއަށި ކައިރީގައި ވަނީ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވާފައެވެ. ޑރ. ޙަސަންގެ ވާހަކަފުޅުގައި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނިފައިވާ ކަންތައްތަކާއި ވެވަޑައިގެންފައިވާ ވައުދުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވައި އެކަންކަމަށް އަލި އަޅުއްވާލެއްވިއެވެ.

ކަނޑީތީމުގައި ޑރ. ހަސަން ހޭދަކޮށްލެއްވީ ބައިގަޑީއެއްހާއިރެވެ. 12 ޖަހާއެހާއިރު ޑރ. ޙަސަން ގެ ޓީމު ވަނީކަނޑިތީމުން ފުރާވަޑައިގެންފައެވެ. އަދި މިއީ ކެމްޕެއިން ދަތުރެއްގައި ޑރ. ޙަސަން ކަނޑީތީމަށް ވަޑައިގެން ދެވަނަ ފަހަރެވެ. ޑރ. ޙަސަން ސަޢީދަކީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ބައިވެރިވެވަޑައިގެންފައިވާ ހަމައެކަނި ކެންޑިޑޭޓެވެ.


12:05

ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މިހާރު ޑރ. ޙަސަން ކަނޑިތީމުން ފުރާވަޑައިގެންފިއެވެ.

11:45

މިހާރު ޑރ. ޙަސަން ސަޢީދު ގެ ޓީމުން ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެބަގެންދަވައެވެ. ބައްދަލުވުން ކުރިއަށް ދަނީ ކަނޑިތީމު ފިނިއަށި ކައިރީގައެވެ. މި ބައްދަލުވުމުގައި ޑރ. ސަންގެ މެނިފެސްޓޯގައި ހިމެފައިވާ ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު އެބަދައްކަވައެވެ. ބައްދަލުވުމުގައިކަނޑިތީމުގެ ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެއެވެ.

ޑރ. ޙަސަން ގެ ޓީމުގައި 10 ވަރަކަށް މީހުން ބައިވެރިވެފައިވެއެވެ. މިދަތުރަކީ ޑރ. ޙަސަން ގެ ކެމްޕެއިން ދަތުރެކެވެ.

11:34

ޑރ. ޙަސަން ސައީދު ދާދި ދެންމެއަކު ކަނޑިތީމަށް ވަޑައިގެންފިއެވެ. ޑރ. ޙަސަން ސަޢީދަށް މަރުޙަބާ ދެންނެވުމަށްޓަކައި ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ ބަނދަރު ސަރަޙައްދަށް ޖަމާވެފައެވެ.

މިހާރު ޑރ. ޙަސަން ރައްޔިތުންނާ ސަލާމް ކުރައްވަމުން އެބަގެންދަވައެވެ.އ



©2008 factkanditheem.blgospot.com | e-mail: factkanditheem@gmail.com